އެމަނިކުފާނުގެ ވެރިކަމުގެ ކޮންމެ ދުވަހަކީ، ދިވެހި ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމުގައި ހޭދަވާ ދުވަހަކަށް ހައްދަވަން ބޭނުންފުޅުވެލައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ލ.އިސްދޫ، ކަލައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވެލައްވަނީ، ތަރައްގީ ގެނައުމަށް ކަމަށާއި، އެކަމުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭނަމަ، މިދިޔަ ހަތަރު ފަސް މަހަށްވުރެ މާ ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ކަމުގައި ވެސް ވިދާޅުވިއެވެ.

އިސްދޫ ކަލައިދޫގައި ބަނދަރު ހެދުމާއި، ތައުލީމާއި، ސިއްހަތާއި ކުޅިވަރުގެ ދާއިރާ އިން ވެސް މަޝްރޫއުތައް ހިންގާނެކަން ފާހަގަކުރައްވައި ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މިކަންކަމުގައި ސަރުކާރުން ދެވަނަ ވިސްނުމަކަށް ނުދާނެ ކަމަށެވެ.

”އަޅުގަނޑަށް މުހިންމީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުން. ކޮންމެ ދުވަހަކީ މިގޮތުން ހޭދަވާ ދުވަހަކަށް ހަދަން ބޭނުންވަނީ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އިސްދޫ އަދި ކަލައިދޫއަށް ބޭނުންވާ ކަންކަން، އެ ދެ ރަށުގެ ކައުންސިލުން ވެސް އެމަނިކުފާނާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ސަރުކާރުން ކަންކަން ކުރަމުން ދަނީ އެމްޑީޕީގެ މެޖިރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ބަޖެޓުން ކަމަށާއި، އެއީ ސަރުކާރުން އެދޭ ގޮތަށް ފާސްކޮށްފައިވާ ބަޖެޓެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.