އިންޑިއާ ސިފައިންގެ ދެވަނަ ބެޗު މިދިޔަ އަންގާރަ ދުވަހު ފޮނުވާލެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ 21 އޭޕްރީލް ގައި އައްޑޫ ސިޓީ ހިމެނޭ ގޮތަށް ކޮންމެ ދިވެހި ރައްޔިތަކުވެސް ދޭ ވޯޓަކީ މި ގައުމުގެ މިނިވަންކަމާއި ތަރައްގީ ހާސިލްކުރަން ދެވޭ ވޯޓަކަށްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ރައްޔިތުން ދެއްކީ މިނިވަންކަން ޔަގީން ނުވާ ވާހަކަ ކަމަށާއި ވެރިކަން ބަދަލުކުރަން ބޭނުންވި މައިގަނޑު އެއް ސަބަބަކީވެސް އެއީ ކަމަށެވެ.

އަދި އެ މަސައްކަތް ވައުދުވެވަޑައިގެންނެވި ފަދައިން ސަރުކާރުގެ ފުރަތަމަ ދުވަހު ފެއްޓެވި ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ޓައިމްޓޭބަލެއްގެ ހެދިގެން ތިން ޕްލެޓް ފޯމުގައި ތިބި ސިފައިން ފޭބުމަށް އެއްބަސްވުމެއް ހެދިފައިވާ ކަމަށެވެ. އަދި ފުރަތަމަ ދުވަހު ފެށި މަސައްކަތުން މިހާރު ފުރަތަމަ ބެޗާއި ދެވަނަ ބެޗު ވެސް ފައިބާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި މަހުގެ 9 ދުވަހު ދެ ވަނަ ޕްލެޓް ފޯމުގައި ތިބި އިންޑިއާ ސިފައިން ފައިބާފައިވާ ކަމަށާއި ކުރިންވެސް ސޮއިކޮށްފައިވާ ގޮތަށް 10 މޭ ގެ ކުރިން ދެން ތިބި ސިފައިންވެސް ފައިބާނެ ކަމަށެވެ.