ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަކީ ”ރޮކެޓް ސްޕީޑް“ގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ”ސްލޯ“ ނުވަތަ ލަސް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ރޭ އައްޑޫ، ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މަވޯޓާ ވިދާޅުވީ އޭނާއަށް ގިނަ ވެރިންނާއިއެކުގައި މަސައްކަތް ކުރެވިއްޖެ ކަމަށާއި އެ ތަޖުރިބާގެ އަލީގައި، ރައީީސް މުއިއްޒު އަކީ ރޮކެޓު ސްޕީޑުގައި މަސައްކަތް ކުރައްވާ ބޭފުޅެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

”އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް މި އަރުވަނީ، އަޅުގަނޑަށް އިތުބާރު ކުރައްވާށޭ، މި މުއިއްޒު އަކީ ގައުމު ތަރައްގީ އާ ހަރުފަތަކަށް ގެންގޮސްދެއްވާނެ، ކުޅަދާނަ، ހީވާގި ލީޑަރެކޭ.“ އޭނާ ވިދާޅުވިއެވެ.

ރައީީސް މުއިއްޒު އަކީ ”ސްލޯ“ ބޭފުޅެއް ނޫންކަން ފާހަގަކުރައްވައި މަވޯޓާ އަލިއަޅުވާލެއްވީ ފާއިތުވި ދެ ދުވަހު ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުތަކަށެވެ.

އެގޮތުން ރަސްމީ ދަތުރުފުޅެއްގައި ލ.އަތޮޅަށް ވަޑައިގެންނެވިއިރު، ކެމްޕެއިނަށް އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެން ވެސް މިނެޓެއް ވެސް މަޑު ނުކުރައްވަވާ، ރައީީސް މުއިއްޒު ގެންދެވީ ރައްޔިތުންގެ ވާހަކަތައް އަޑު އައްސަވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީީސް މުއިއްޒު އަކީ ތަރައްގީގެ ތަސައްވުރެއް އޮތް ބޭފުޅެއް ކަމަށާއި، އެމަނިކުފާނު މިހާތަނަށް ދައްކަވާފައިވާ ވާހަކަފުޅުތަކުން ވެސް، އައްޑޫގެ ރައްޔިތުން އެދި އެދި ތިބި ތަރައްގީ ގެނެސްދެވޭނެކަން ޔަގީން ކުރެވޭ ކަމަށް ވެސް މަވޯޓާ ވިދާޅުވިއެވެ.