އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް، މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކޮށްފިއެވެ.

Ads by Asuru

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރީ އައްޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެކަމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތައާމު މުހައްމަދެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.

މަޝްރޫއު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 282 މިލިއަން ރުފިޔާއަށް އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އައްޑޫގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން، ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 1،500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 2،000 ޓަނުގެ ތިން ތާންގީ އާއި 1،000 ޓަނުގެ ތިން ތާންގީއާ އެކު ޖުމްލަ ހަ ތާންގީ ބަހައްޓާނެ ކަމަށެވެ. އަދި ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި 100 ކިލޯ ވޯޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމް ކުރާނެ ކަމަށެވެ.

ހުޅުމީދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާ ކުރުމަށްޓަކައި 1،000 ޓަނުގެ ތިން ތާންގީ ބެހެއްޓުމާއި ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި 75 ކިލޯ ވޯޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

މީގެ އިތުރުން ހިތަދޫ އާއި ހުޅުމީދުއަށް ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫގައި ފެން ރައްކާކުރުމަށްޓަކައި 1،000 ޓަނުގެ ޖުމްލަ ހަތަރު ތާންގީ ބެހެއްޓުމުގެ އިތުރުން ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައިދިނުމާއި ސްޕެއާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.