ރައީސުލްޖުމްހޫރިއްޔާ ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި އަދި ނިލަންދޫ ކައުންސިލާ ބައްދަލުކުރައްވައި މުޅި އަތޮޅާއި އަދި ނިލަންދޫގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ރޭ އެރަށު އަންހެނުންގެ މަރުކަޒުގައެވެ.

Ads by Asuru

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ އެއަރޕޯޓުގެ މަޝްރޫއަކީ ރަށަށް އާރޯކަމެއް ގެނެސްދޭނެ މަޝްރޫޢެއްކަން ފާހަގަކުރައްވައި އެމަސައްކަތް އަވަހަށް ނިންމައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ނަރުދަމާ ނިޒާމު މަރާމާތަށް ބޭނުންވެފައިވާތީ އެކަމަށް ޙައްލެއް ހޯދުމާއި، ފެނުގެ ނިޒާމު އަވަހަށް ނިންމުމާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި، އިސްލާމީ މަރުކަޒެއް ބިނާކުރުމާއި، ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއުއެއް އެރަށުގައި ގެންގޮސްދެއްވުމަށް އެދުމާއި، ކައުންސިލު އިދާރާ ބާވެފައި ވުމުން އައު އިމާރާތެއްގެ ބޭނުންތެރިކަމާއި، ސިއްހީ ހިދުމަތްތައް އިތުރަށް ތަރައްޤީކުރުމާއި، ފެރީނިޒާމުގެ ބޭނުންތެރިކަން ހިމެނެއެވެ.

މީގެ އިތުރުން ޕާކެއްގެ މުހިންމުކަމާއި އަދި ރަށުގެ އިޖުތިމާއީ އިގްތިސާދީ ތަރައްގީއަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފ. އަތޮޅު ކައުންސިލުން ވެސް ވަނީ ކައުންސިލުގެ ކަންބޮޑުވުން ހުރި ކަންކަމާއި ކައުންސިލުގެ ކުރިއެރުމާއި އަތޮޅުގެ ތަރައްގީއަށް އެންމެ މުހިންމު ކަންތައްތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ފ. ނިލަންދޫ އަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު މިހާރަށް ރަށަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން އަރބަން ސެންޓަރަކަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދަވާނެކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ތަރައްގީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.