މިދިޔަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ދިމިޝްގުގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ހޮނިހިރު ދުވަހުގެ ރެއާއި އާދީއްތަ ދުވަހުގެ ފަތިހު އިޒްރޭލަށް އަމާޒުކޮށް މިސައިލާއި ޑްރޯންތަކެއް ފޮނުވާލާފައެވެ.

Ads by Asuru

އީރާނުން ވައިގެ މަގުން ދިން ބޮޑު ހަމަލާއަކީ އީރާނުގެ ބިމުން އިޒްރޭލުގެ ސަރަހައްދަށް އެގައުމުން ސީދާ ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ. އީރާނުން މި ހަމަލާ ސިފަކުރީ ”އޮޕަރޭޝަން ޓްރޫ ޕްރޮމިސް“ގެ ގޮތުގައެވެ.

މި ހަމަލާ ދޭން ފެށީ ހޮނިހިރު ދުވަހު ޖީއެމްޓީ ގަޑިން 20:00 ހާއިރުއެވެ. އެ ހަމަލާތައް ގާތްގަނޑަކަށް ފަސް ގަޑިއިރަށް ދެމިގެން ދިޔަ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.

އެ ހަމަލާތަކުގައި ތެލްއަވީވްގެ އިތުރުން އިޒްރޭލުގެ އެކި ސިޓީތަކުގައި ހަމަލާތައް ދިން އަޑު ވަނީ އިވިފައެވެ. ގުދުސްގައި ވެސް ބޮން ގޮއްވާލި އަޑު އިވިފައިވާއިރު، އިޒްރޭލު ސިފައިން ޕްރޮޖެކްޓަލްތައް ވައްޓާލަން މަސައްކަތް ކުރަމުން ދަނިކޮށް 720 އަށް ވުރެ ގިނަ ތަންތަނުގައި ވައިގެ ހަމަލާތަކުގެ ސައިރަން އަޅާފައިވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ ޗީފް ސްޕޯކްސްޕާސަން ޑެނިއަލް ހަގާރީ ވިދާޅުވީ އީރާނުގެ ހަމަލާގައި 120 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލާއި 170 ޑްރޯން އަދި 30 އަށް ވުރެ ގިނަ ކްރޫޒް މިސައިލް ހިމެނޭ ކަމަށެވެ.

އީރާނުން މި ހަމަލާތައް ދީފައިވަނީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ދިމިޝްގުގައި އީރާނުގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ މޭޖާ ޖެނެރަލް މުހައްމަދު ރިޒާ ޒަހެދީ ޝަހީދުކޮށްލުމަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އޭނާ އާއި އީރާނުގެ އިތުރު ހަ މީހަކު މަރާލާފައިވާއިރު، އޭގެ ތެރޭގައި އެހެން ޖެނެރަލަކު ވެސް ހިމެނެއެވެ. އަދި ސީރިޔާގެ ހަ ރައްޔިތަކު ވެސް ވަނީ އެ ހަމަލާތަކުގައި ވަނީ ޝަހީދުވެފައެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ހަމަލާތަކަށް ފަހު އިޒްރޭލް ”ކާމިޔާބު ކުރާނެ“ ކަމަށެވެ. މީގެ ކުރިން ގައުމާ މުހާތަބު ކުރައްވައި އޭނާ ބުނީ އަސްކަރިއްޔާ އޮތީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް ކަމަށެވެ.

ނަތަންޔާހޫ ބުނީ އިޒްރޭލުން ފާއިތުވި އަހަރުތަކުގައި އަދި ވަކިން ހާއްސަކޮށް ފާއިތުވި ހަފުތާތަކުގައި އަންނަނޫ އީރާނުގެ ސީދާ ހަމަލާއަކަށް ތައްޔާރުވަމުން ކަމަށެވެ.

އަޅުގަނޑުމެންގެ ޑިފެންސިވް ސިސްޓަމްތައް އެބަ ހުރި. ޑިފެންސިވްކޮށް އަދި އޮފެންސިވްކޮށް ކޮންމެ ސިނާރިއޯއަކަށް ވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އިޒްރޭލުގެ ދައުލަތަކީ ވަރުގަދަ ދައުލަތެއް. އިސްރާއީލުގެ އަސްކަރިއްޔާ ވަރުގަދަ. ރައްޔިތުންނަކީ ހަރުދަނާ ބައެއް.

ނަތަންޔާހޫ ވަނީ އީރާނުގެ ހަމަލާތަކާއި ގުޅިގެން އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް އޭނާގެ ބައިވެރިން އިޒްރޭލާއެކު ”ތެދުވީތީ“ ޝުކުރު ކުރާކަމަށް ބުނެފައެވެ.

އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް މުހައްމަދު ބަގީރީ ދައުލަތުގެ ޓީވީއަށް ވިދާޅުވީ އިޒްރޭލުން ރައްދު ދީފިނަމަ އީރާނުން ދޭ ޖަވާބަކީ ރޭގައި ދިން ބޮމުގެ ހަމަލާއަށް ވުރެ މާ ބޮޑު ޖަވާބެއް ކަމަށެވެ.