އީރާނުން ދިން ހަމަލާތަކަށް ރައްދު ދިނުމަށް އިޒްރޭލުން ނިންމައިފިއެވެ.

Ads by Asuru

އިޒްރޭލުގެ އަސްކަރިއްޔާގެ ވެރިޔާ ވަނީ އީރާނުން ހަފުތާ ބަންދުގައި ދިން ހަމަލާތަކަށް ރައްދު ދޭނެ ކަމަށް ބުނެފަވެ.

އީރާނުގެ މިސައިލާއި ޑްރޯން ހަމަލާއާ ގުޅިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ 24 ގަޑިއިރުގެ ތެރޭގައި ދެވަނަ ފަހަރަށް އޭނާގެ ހަނގުރާމައިގެ ކެބިނެޓް ހާޒިރުކޮށްފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ހަރްޒީ ހަލެވީ ބުނީ ޔަހޫދީން ރައްދު ދޭނެ ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ނުދެއެވެ.

އިޒްރޭލުގެ ދެކުނުގައި އޮންނަ ނެވަޓިމް އެއާބޭސްގައި އޭނާ ބުނީ އިޒްރޭލުގެ ސަރަހައްދަށް މިހާ ގިނަ މިސައިލްތަކާއި ކްރޫޒް މިސައިލާއި ޑްރޯން ފޮނުވާލުމުން އެކަމަށް ރައްދު ދޭނެ ކަމަށެވެ.

މިމަހުގެ ކުރީކޮޅު ދިމިޝްގުގައި ހުންނަ އީރާނުގެ ކޮމްޕައުންޑަށް އިޒްރޭލުން ދިން ހަމަލާތަކަށް އީރާނުން ރައްދު ދިނުމުން،  އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.