އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ވެގެންދާނީ، ދިވެހި ކޮންމެ ރައްޔިތަކު ވެސް ފަހުރުވެރިވާނެ ފަސް އަހަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ އިބްރާހީމް މުހައްމަދު(އިބުޓީ)ގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ކޮންމެ ވައުދުފުޅެއް ވެސް ފުއްދަވާނެ ކަމަށާއި، ރައްޔިތުންގެ އެއްބާރުލުމާއި އެކީގައި އެކަން ކުރެވޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އިދިކޮޅުން ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ދައްކަމުން ދަނީ ސަރުކާރު ބަދަލު ކުރާ ވާހަކަ ކަމަށާއި، ގާނޫނީ ހަމަތަކުގެ ތެރެއިން ސަރުކާރެއް ބަދަލު ކުރުމުގެ ފުރުސަތު، ފަސް އަހަރުން އެއް ފަހަރު ރައްޔިތުންނަށް ލިބޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަށް ފަސް މަސް ވީއިރު، ވައުދުތަކުގެ ތެރެއިން، ސަރުކާރަށް ނިންމެން އޮތް ކަމެއްނަމަ، ނިންމަވާފައިވާނެ ކަމަށާއި، މަޖިލީހުން އެއްބާރުލުން ލިބޭނަމަ ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ވެސް ފުއްދަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައިވާއިރު، އެމަނިކުފާނު  އިސްތަށިފުޅުގައި އިދިކޮޅު ފަރާތްތަކުން އެކި އިލްޒާމުތައް އަޅުވަމުން ގެންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންނަށް ދަންނަވަން އޮތީ އެންމެ ވާހަކަފުޅެއް ކަމަށާއި، އެއީ އިއްޔެ ވެސް، މިއަދު ވެސް، އަދި މާދަމާ ވެސް ގާނޫނާއި ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ނުކުރައްވަވާނެ ވާހަކަފުޅު ކަމަށެވެ.