އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާ ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Asuru

ގަލޮޅު ދެކުނު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު (އިބުޓީ)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާ ގުޅޭ އިންޓެލިޖެންސް ރިޕޯޓުތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ގާނޫނާއި ގަވާއިދާއި ހިލާފަށް އެއްވެސް ކަމެއް އެމަނިކުފާނު ކޮށްފައި ނޯންނާނެ ކަމަށެވެ. އަދި މިހާރު ދައުރުކުރަމުން އަންނަ ފޭކު ލިޔެކިޔުންތަކަކީ މި ސަރުކާރުން ނަތީޖާ ނެރެދެމުން އަންނާތީ އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ހަޖަމް ނުވެގެން ކުރާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރެއްވި އިރުވެސް އެންމެ ފަހު ވަގުތު ގޮތް ހުސްވުމުން އެމްޑީޕީން އެމަނިކުފާނުގެ އަބުރު ކަތިލުމުގެ މަސައްކަތް ކުރަން ފެށި ކަމަށެވެ. އަދި އެކި ކަހަލަ މައްސަލަތަކުގައި ޝަރީއަތްވެސް ކުރިއިރު އެއިން އެއްވެސް ކަމެއް ސާބިތުވެފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އެޔަށްފަހު އައި ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީން މަސައްކަތް ކުރީ ރައީސް މުއިއްޒާ ގުޅޭ ގޮތުން ބުހުތާނު ދޮގު ހަދައިގެން އެމަނިކުފާނުގެ އަގު ވައްޓާލުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މޭޔަރު އިންތިހާބު އިރުގައިވެސް އަޅުގަނޑު ދެންނެވިން ވަރަށް އުފާކުރަމޭ ތިކަހަލަ ވާހަކަ ދައްކާތީ. އަޅުގަނޑު އެދެމޭ އޭސީސީންނާއި ހުރިހާތާކުން ތިކަންކަން ބަލަން. ބެލީމަ ފެންނާނެ ތިއިން އެއްވެސް އެއްޗެއްގައި ނެތްކަން ހަގީގަތެއް. އެކި ކަހަލަ އެކިއުޒޭޝަންސް އޭރުގައިވެސް އައި. މިއީކީ އާ ވާހަކައެއް ނޫން.

ރައީސް ވިދާޅުވީ މިހާރުވެސް އެމްޑީޕީން ދައްކަމުން އަންނަނީ ހަމަ އޭރުވެސް ދެއްކި ވާހަކަތައް ކަމަށާއި ގާނޫނާއި ގަވާއިދާއި ހިލާފަށް އޭރުވެސް، މިއަދުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބޮލުގައި ކޮރަޕްޝަންގެ ދޮގު އިލްޒާމު އަޅުވައިގެން ދައުރުކުރަމުން އަންނަ ރިޕޯޓުގައި ވަނީ އެމަނިކުފާނުގެ ރޯ ހައުސް ލިބުނު ދުވަހުން ފެށިގެން އެތަން ކުއްޔަށް ނަގައިގެން ތިބި މީހުންގެ ފަރާތުން ލިބޭ ކުލި ކަމަށެވެ.

ދެން އެބޭފުޅުން ސިޔާސީ ބޭނުމެއްގައި، އަދި ޑްރާފްޓް ރިޕޯޓެއް، ޕޮލިސް އިންޓެލިޖެންސް ރިޕޯޓެކޯ، އޭގައި ނެތް ތައްގަނޑެއްވެސް ތާރީހެއްވެސް. އެބޭފުޅުން ބޭނުންގޮތަކަށް ހަދާލާފައި. އެމީހުން ހޯދީމަ ފެންނާނެ ނުންތޯ، އެމީހުންގެ ވެރިކަން މިދިޔަ ފަސް އަހަރު އޮތީ. އުޅެ އުޅެވެސް ނުފެނުނީ ކަމެއް.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅުގެ ކިބައިން ވާރުތަވި މުދަލާއި ފައިސާ ފެންނަން ހުންނާނެ ކަމަށާއި، އެމަނިކުފާނަކީ އެމްޑީޕީން އެ އެދޭ ފަދަ އެއްވެސް ކަހަލަ ކަމެއް ކޮށްފައިވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ ހައްގުގައާއި، ރައްޔިތުންގެ މުދަލުގައި ނުވަތަ ރައްޔިތުންގެ ފައިސާގައި ޖެހޭނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ހެއްދެވި ފަރާތުގެ ކިބައިން އެކަލާނގެ ފުއްސެވުމާއި ރުއްސެވުން ލިބުން އެމަނިކުފާނަށް މާ މުހިންމު ކަމަށް ވިދާޅުވިއެވެ.