ތިލަމާލެ ބްރިޖު މަޝްރޫއުގެ ދުވެލި އަވަސްވެ، މި ސަރުކާރުގެ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫއުގެ ހަތް އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

Ads by Asuru

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މިކަން ހާމަ ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ބްރިޖްގެ ހަތް ޕަސަންޓް މަސައްކަތް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ކުރީ 25 މަސް ދުވަހުގެ ތެރޭގައި ބްރިޖްގެ ނިންމުނީ 29 ޕަސަންޓް މަސައްކަތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަދި އިތުރު ދެ ޖެކަޕް ޕްލެޓްފޯމެއް ގެނައުމަށް ތައްޔާރުވެފައިވާ އިރު، މި މަސް ނިމުމުގެ ކުރިން ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ގެންދެވޭނެ ކަމަށް ބެލެވޭ ކަމަށާއި، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މަސައްކަތަށް ބޭނުންވާ އިތުރު ވަސީލަތްތަކާއެކު، މިއަށްވުރެ ވެސް ބާރު ސްޕީޑުުގައި މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖުގެ އެއްބަސްވުމުގައި އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ، އެފްކޮންސް އާއިއެކު ސޮއި ކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

ނަމަވެސް މަަަޝްރޫއުގެ މަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ގޮސް، އެމްޑީޕީގެ ވެރިކަން ނިމުނުއިރު ވެސް މަަޝްރޫއު ނިންމިފައެއް ނުވެއެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އޭގައި ހިމެނެނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.