މި ސަރުކާރުގެ ތެރެއިން، ބަދަލު ހިފުމުގެ ރޫހު އެއްގޮތަކަށް ވެސް ނުފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވެފައި ވަނީ، ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަމާ ގުޅޭގޮތުން ރޭގެ ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެކަން ކުރެވޭނީ ”ދިވެހީންގެރާއްޖެ“ގެ މިނިވަންކަމާއި، އިންސާފުވެރިކަމާއި ހަމަހަމަ ކަމަށް ލޯބިކުރާ ކެންޑިޑޭޓުން ހޮވައިގެން ކަމަށެވެ.
ޖޭއެސްސީގައި ސިޔާސީ ފަރާތްތައް ތިބޭ ތިބުން، ނިމުމަކަށް ގެނައުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަކީ މީގެ ކުރީގެ ސަރުކާރުތަކޭ އެއްފަދައިން، ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ސިޔާސީ އުނދަގޫ ކުރާނެ ސަރުކާރެއް ނޫން ކަމަށެވެ.
”ބަދަލު ހިފުމުގެ ރޫހު އެއްގޮތަކަށް ވެސް ނުފެންނާނެ، އެހެންވީމަ، މި ގައުމަށް އެ ހަމަޖެހުން ގެނައުމަށްޓަކާ، މި ހަމަޖެހުމުގެ ރޫހު އާލާ ކުރުމަށްޓަކާ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވަން މިޖެހެނީ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީީސް މުއިއްޒު ވަނީ، އެމަނިކުފާނުނުގެ ސަރުކާރަށް ތާއީދު ކުރާ ނުވަތަ ސަރުކާރު ހިންގާ ކޯލިޝަނުގެ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން ފާސް ކުރާ ގާނޫނުތަކުގެ ސަބަބުން ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ރާއްޖެއަށް ބޭނުންވާ ހަމަޖެހުން ގެނައުމަށްޓަކައި ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގެދޮރުވެރިކަމާ ގުޅޭގޮތުން ފާސް ކުރަން ބޭނުންވާ، ވަރަށް ގިނަ ގާނޫނުތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ބައެއް ބިލުތައް މިހާރު ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ަ
