ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ދެ ހުކުމްވެސް ބާތިލުކޮށްފިއެވެ.

Ads by Asuru

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަނީ ލޯންޑްރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވުމުން، ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލު ކުރުމާއިއެކު އެމަނިކުފާނު ވަނީ މިނިވަންވެފައެވެ.

ހައި ކޯޓުން މިއަދު ބާތިލު ކުރީ، ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުގެ ކުށުގައި އިއްވާފައި އޮތް ހަތަރު އަހަރުގެ ޖަލު ހުކުމާއި މަނީ ލޯންޑަރިންގެ ކުށުގައި އިއްވާފައި އޮތް ހަތް އަހަރުގެ ހުކުމެވެ.

މި ދެ ހުކުމް ބާތިލުކުރި ނަމަވެސް މި ދެ މައްސަލަވެސް ރިވިއު ކުރުމަށް ހައި ކޯޓުން ކްރިމިނަލް ކޯޓަށް މިއަދު އަމުރުކޮށްފައިވެއެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމާ ގުޅޭގޮތުން ދަށު ކޯޓުން އަމަލުކުރި ގޮތް ރަނގަޅު ނޫން ކަމަށެވެ.

އަދި އޭގެ ސަބަބުން ރައީސް ޔާމީނަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާކަމަށެވެ.

ރައީސް ޔާމީނާއެކު މި މައްސަލައިގާ ހިމެނޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްވެސް ވަނީ މިނިވަންވެފައެވެ.

މިނިވަންވެވަޑައިގެން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ރާއްޖޭގެ އާބާދީ ބޮޑު އަތޮޅަކަށް މާދަމާ ދަތުރު ކުރައްވާނެ ކަމަށެވެ.