ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިވާއިރު، ރައްޔިތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް އިތުބާރު ކުރާކަން ހާމަކޮށްދީފިއެވެ.

Ads by Asuru

އިއްޔެ ކުރިއަށް ގެންދިޔަ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން ޕީއެންސީގެ 73 މެންބަރުން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ލިބުނީ 12 ގޮނޑިއެވެ.

ސަރުކާރާ ގުޅިފައިވާ އެމްޑީއޭއިން ދެ ގޮނޑި ނެގިއިރު، ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީއަށް ވެސް އެއް ގޮނޑި ލިބުނެވެ.

ރައީސް މުއިއްޒު ދެއްވީ ތަރައްގީގެ ޔަގީންކަން

ރައީީސް މުއިއްޒުގެ ކެމްޕެއިނުގައި، އެމަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގަތީ، ސަރުކާރުން ގެންނާން އުޅޭ ތަރައްގީއަށް އެއްބާރުލުން ދޭނެ މެމްބަރުން ހޮވާށެވެ. ރައްޔިތުންނަށް ކަންކަން ކޮށްދޭން ސަރުކާރުން 24 ގަޑިއިރު ހިދުމަތުގައި އޮތްއިރު، އެކަމަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް އިންތިހާބު ނުކުރަން ގޮވާލެއްވިއެވެ.

ތަރައްގީ ގެނައުމަށް މަޖިލީހުގެ ދައުރު މުހިންމުކަމާއި، ރައްޔިތުން ގެނައި ސަރުކާރު، މަޖިލީހަށް ހުއްޓުވާލެވިދާނެކަން ވެސް ހަނދާން ކޮށްދެއްވިއެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ، ގެދޮރުވެރިކަމުގެ މައްސަލަކަން ފާހަގަކުރައްވައި، އެ މައްސަލަ އެކަނި ހައްލު ކުރުމަށް އެތައް ގާނޫނެއް ފާސް ކުރަން ޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.

ރައްޔިތުން އިއްޔެ ލީ ވޯޓުން، ސަރުކާރަށް ވެސް ދިނީ، ޔަގީންކަމެވެ. ވައުދުތައް ފުއްދަން ދެވެން އޮތް އެއްބާރުލުމެއް ދީ، ސަރުކާރާއިއެކު ތިބިކަމުގެ ޔަގީން ކަމެވެ.