އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 20 ވަނަ މަޖިލީހަށް އިންތިހާބުވި މެންބަރުން ހުވާކުރުން އޮންނާނީ އަންނަ މެއި މަހުގެ 28ގައި ކަން ހާމަކޮށްފިއެވެ.
19 ވަނަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމެވެ.
އަސްލަމް ވިދާޅުވީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލިސް އަންނަ މަހުގެ 15 އާއި ހަމައަށް ދެމި އޮންނާނެ ކަމަށެވެ.
ނަވާރަ ވަނަ ދައުރުގެ ފަހު ޖަލްސާ ބާއްވާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އަލަށް އިންތިހާބުވި މެންބަރުން ހުވާކުރެއްވުން އޮންނާނީ 28ގައި ކަމަށެވެ.
20 ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބުކޮށްފައިވެއެވެ. މި އިންތިހާބުގައި ޕީއެންސީން އެކަނި ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ.