ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، ދެ ފިހާރައެއް ބަންދުކޮށް، ހަ ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އެ އިދާރާ އިން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ މާލޭގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ ތިން ތަނަކާއި ދެ ފިހާރައާއި ކާބޯތަކެތި ޑެލިވަރީ ކުރަމުންދާ ތަނެއްގެ އިތުރުން އެއް ފިހާރަ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ބިދޭސީ ހަ ފިރިހެނުން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، ބިދޭސީން ވިޔަފާރި ކުރަމުންދިޔަ ދެ ފިހާރަ ބަންދުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދަން ފުލުހުންނާއި އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް ޖުމްލަ 120 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

