އިޒްރޭލުން ފަލަސްތީނުގައި ހަނގުރާމަ ހިންގަމުން އަންނަތާ 200 ދުވަސްވެފައިވާއިރު، ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 34,183 އަށް އަރައިފިއެވެ.

Ads by Asuru

ހަމާސް އިން ގާޒާގައި ހިންގާ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 34,183 މީހުން ޝަހީދުވެ، 77,143 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ގާޒާގެ ހާން ޔުނިސް ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ވަދެ ހިންގި ހަމަލާތަކާއި ގުޅިގެން ގާޒާގެ ޑޮކްޓަރުން ދަނީ ހޮސްޕިޓަލުގެ ގޯތިތެރެއިން ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 310 މީހެއްގެ ހަށިތައް ފެނިފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ހަމާސްގެ އަސްކަރީ ގޮފީގެ ތަރުޖަމާނު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ 200 ދުވަހުގެ ހަނގުރާމައިގައި ދުޝްމަނުންވެގެން ފަލަސްތީނުގެ މީހުން ޝަހީދުކުރުމާއި ތަންތަން ހަލާކުކުރުން ފިޔަވައި އިތުރު ކަމެއް ހާސިލްކުރެވިފައި ނުވާ ކަމަށާއި އިޒްރޭލުން އަދިވެސް މަސައްކަތް ކުރަމުން ދަނީ އެމީހުންގެ ކަތިލެވިފައިވާ އަބުރު އަލުން ހޯދުމަށް ކަމަށެވެ.

ދުޝްމަނުން ތިބީ ގާޒާގެ ބިމުގައި ތާށިވެފައި. ނިކަމެތިކަމާއި ބަލިވުން ފިޔަވައި އެހެން އެއްޗެއް އެމީހުންނަކަށް ނުލިބޭނެ. 200 ދުވަސް ފާއިތުވެގެން ދިޔައިރު، އަޅުގަނޑުމެންގެ ސާބިތުކަން އޮތީ ފަލަސްތީނުގެ ފަރުބަދަތަކާ އެއްވަރަށް ވަރުގަދަކޮށް.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލުގައި މަރުވި މީހުންގެ އަދަދު 1139 އަށް އަރާފައިވާއިރު، ގާޒާގައި އަދިވެސް އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.