ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ލާދީނީއަށް ގޮވަނީ ”ސިޔާސީ“ ބޭނުމެއްގައިކަން ރައްޔިތުންނަށް ސާފުވެއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ބޭއްވި މ.ދިއްގަރާއި، ތ.ގާދިއްފުށި ކައުންސިލުގެ ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރުމާ ގުޅިގެންނެވެ.

އެގޮތުން މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާދީނީއަށް ގޮވާ، ފާހިޝް ކަންކަން ފަތުރާ ބަޔަކަށް ހަދާ އަދި ތަފާތު ގިނަ އިލްޒާމުތައް އިދިކޮޅުން ދިޔައީ އެމްޑީޕީގެ ބޮލުގައި އަޅުވަމުން ކަމަށެވެ. ނަމަވެސް އެއީ ސިޔާސީ ބޭނުމުގައި ދައްކާ ވާހަކަކަން ރައްޔިތުންނަށް މިއަދު ސާފުވެފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންފި.

މި ދެ ބައި އިލެކްޝަނުގެ ކެމްޕޭނުގައި އެމްޑީޕީގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވީ މަހުލޫފްއެވެ.

ގާދިއްފުށީ ކައުންސިލްގެ އަންހެން މެމްބަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ޒުލޭހާ އަހުމަދެވެ.

އޭނާއަށް ލިބިފައިވަނީ 210 ވޯޓުންނެވެ. އިދިކޮޅު ޕީޕީއެމުން ވާދަކުރި ކެނޑިޑޭޓް، ހައްވާ އަބްދުލްހާދީ އަށް ލިބުނީ 201 ވޯޓެވެ. އެމްއާރްއެމުން ވާދަކުރި ފާތިމަތު މަލްދާއަށް ލިބުނީ އެންމެ ހަތަރު ވޯޓެވެ.

ދިއްގަރުގެ ބައި އިލެކްޝަންގެ ވަގުތީ ނަތީއްޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް، އާރިފް އިންތިބާހު ކާމިޔާބުކުރީ 375 ވޯޓުންނެވެ. އޭނާއާ ވާދަކުރި ޕީޕިއެމްގެ ކެނޑިޑޭޓް އަބްދުލްހަންނާނުއަށް ލިބުނީ 325 ވޯޓެވެ.