މިދިޔަ މާޗު މަހުގައި، ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް 59 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Ads by Asuru

ޒަކާތު ހައުސްގެ މާޗު މަހުގެ ތަފާސް ހިސާބު ރިޕޯޓު އާއްމުކޮށްފައިވާއިރު، އެ ރިޕޯޓުން ދައްކާ ގޮތުގައި ސިއްހީ ކަންކަމުގެ އިތުރުން ޒަރޫރީ އެހީ އާއި ސްކޮލަރޝިޕަށްވެސް ޒަކާތު ފަންޑުން ވަނީ ހަރަދުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޒަކާތު ފަންޑުން ކެންސަރު ބައްޔާއި ހިތުގެ އޮޕަރޭޝަނާއި ޓްރާންސްޕްލާންޓް އަދި ސިކުނޑީގެ އޮޕަރޭޝަންތަކަށް އެހީވެފައިވެއެވެ.

ކެންސަރު ޕޭޝަންޓުންނަށް 190،882.5 ރުފިޔާ ލިބޭއިރު، ހިތުގެ އޮޕަރޭޝަންއަށް 8،481 ރުފިޔާ، ޓްރާންސްޕްލާންޓް 25،443 ރުފިޔާ، ސިކުނޑީގެ އޮޕަރޭޝަންއަށް 180،407.50 ރުފިޔާ، އަދި އެހެނިހެން ބަލިތަކަށް، 279000އަށްވުރެ ގިނަ ރުފިޔާއެވެ. 

ޒަކާތު ހައުސްއިން ބުނެފައިވާ ގޮތުގައި މާޗުމަހު އެހީގެ ގޮތުގައި 685،026.19 ރުފިޔާ ހަމަޖެހިފައި ހުރި ނަމަވެސް އެހީގެ ގޮތުގައި 878،682.88 ރުފިޔާ ހަރަދު ކުރެވުނު ކަމަށެވެ.

މި ހަރަދުތަކުގެ ތެރޭގައި މިއަހަރުގެ ފެބްރުއަރީމަހު އެހީ ހަމަޖެހިފައިވާ މީހުންނަށް ފޯރުކޮށްދިން އެހީވެސް ހިމެނޭކަން ޒަކާތު ހައުސުން ފާހަގަކުރެއެވެ.