ތުރުކީއާއި ރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖެއިން އެކްސްޕޯޓު ކުރާ 214 ބާވަތެއްގެ މުދަލުން ޓެރިފް ކަނޑާލުމަށް ސަރުކާރުން އެ ގައުމުގައި އެދިއްޖެއެވެ.

Ads by Asuru

މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ވަނީ ރާއްޖެއާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ދާއިރާތަކުން ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން، އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތައް ތުރުކީއަށް ވިއްކުމުގައި ލުއިގޮތްތަކެއް ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިފައިވާ ކަމަށެވެ.

އެގޮތުން ތުރުކީއަށް ރާއްޖެއިން މުދާ އެތެރެކުރުމުގެ އިންތިޒާމްތައް ފަސޭހަކޮށް، އެއްވެސް ޓެރިފަކާއި ނުލާ މުދާ އެތެރެކުރެވޭނެ މަގު ފަހިކޮށްދިނުމަށް ރާއްޖެއިން އެދިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ރާއްޖެއިން އެކްސްޕޯޓްކުރާ 214 ބާވަތަކުން ޓެރިފް ކަނޑާލުމަށް ހުށަހަޅާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އަދި ވެސް އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.