ހދ.ކުޅުދުއްފުށި ތަރައްގީ ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީގެ ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އޮފީހުން ބުނީ މިބަައްދަލު ކުރެއްވުމުގައި ސިޓީކައުންސިލްގެ މެމްބަރުން ކުޅުދުއްފުށީގެ ސިއްޙީ ހާލަތު ރަނގަޅު ކުރެއްވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެއްވި ކަަމަށެވެ.
މިއާއިއެކު ކުޅުދުއްފުށިސިޓީގައި ޓާރޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އަވަސްކުރަން ބޭނުންވާކަމަށް މެމްބަރުން ވިދާޅުވިއެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި ކުޅުދުއްފުށިސިޓީގައި ޤާއިމްކުރާ ޓާރޝަރީ ހޮސްޕިޓަލްގެ މަސައްކަތަށް ބޭނުންވާ ފަންޑު ހަމަޖެހި މިހާރު އެމަޝްރޫޢު އޮތީ ޑިޒައިން ކުރުމުގެ މަރުޙަލާގައެވެ.
މިބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީކައުންސިލްގެ މެމްބަރުން އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ކުޅުދުއްފުށި ސިޓީގެ އެއަރޕޯޓު ހިމެނޭ ސަރަޙައްދުގައި ރިވެޓްމެންޓްޖެހުމާއި ލައިޓް ޖެހުމުގެ މަސައްކަތް އަވަހަށް ނިންމައި ރޭގަނޑު އެ އެއަރޕޯޓަށް ދަތުރު ކުރެވޭ ގޮތް ހެދުން ހިމެނެއެވެ.
އަދި ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަން ހައްލުކުރުމާއި، ޑިޓޮކްސް ހިދުމަތްދެވޭނެ އިންތިޒާމާއި ޓިވެޓް ސެންޓަރެއް ޤާއިމުކުރުމާ ގުޅޭ ވާހަކަތައް ކައުންސިލް މެމްބަރުން ފާހަގަ ކުރެއްވިއެވެ.
މިބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި މަޝްރޫޢުތައް އަވަސްކޮށްދިނުމަށާއި މިހާރު ހުރި ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި ކުޅުދުއްފުށީ ސިޓީކައުންސިލާއި ސަރުކާރުގެ މިނިސްޓްރީތަކާއި ދެމެދު ރަނގަޅު ގުޅުމެއް އޮތްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
