ގަން-ފޮނަދޫ ސިޓީއަކަށް ބަދަލު ކުރުމާއިއެކު، އެ ސިޓީ ވެގެންދާނީ ރާއްޖޭގައި އެންމެ ފުރިހަމައަށް ތަރައްގީވެފައި އޮތް ސިޓީއަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޕީއެންސީގެ ޗެއާޕާސަން، އަދި މިނިސްޓަރު ފައިސަލްގެ ބައްޕަ އަބްދުއްރަހީމް އަށް ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމުން އެކަން ފާހަގަކުރުމަށް ލ. އަތޮޅުގައި ބޭއްވި ހަރަކާތަކަށްފަހު ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގަން-ފޮނަދޫގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިހާބު ކަމަށެވެ.

އެގޮތުން އެ ތަނުގައި ދެން އިންތިހާބު ކުރާނީ ގަން-ފޮނަދޫ ސިޓީގެ މޭޔަރާއި ގަން-ފޮނަދޫ ސިޓީގެ އާންމު މެންބަރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރުމަށް ގާއިމުކުރަންޖެހޭ ވަސީލަތްތައްވެސް މި ސަރުކާރުން ގާއިމުކުރާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ލ. އަތޮޅުގައި ”ވަން އައިލެންޑް“ ކޮންސެޕްޓްގެ ހަތަރު ރިސޯޓް ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ އެކަމުގެ ލީސް އެއްބަސްވުމުގައި މި ހަފުތާ ތެރޭގައި ދުބާއީގެ ކުންފުންޏަކާއެކު ސޮއި ކުރާނެ ކަމަށެވެ.

ސަރުކާރުން ގަން-ފޮނަދޫ ތަރައްގީ ކުރާނެކަން ފާހަގަކުރައްވައި، އެތަނުގައި ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތައް ސަރުކާރުން ގާއިމު ކުރައްވާނެކަމަށްވެސް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވަނީ ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިހާރު އޮތީ ލ. އަތޮޅާއި ހިސާބަށް އައިސްފައި ކަމަށް ވިދާޅުވެ، އެކަން ގެނެސްދެއްވީ ރައީސް މުއިއްޒު ކަމަށް ވިދާޅުވެފައެވެ.