ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގެ ދެ ފަންގިފިލާ ކުރިއެކޭ އެއްގޮތަށް ރާއްޖޭގެ ގައުމީ ޔުނިވަސީޓީ (އެމްއެންޔޫ)ގައި ޑޮކްޓަރީކަން ކިޔަވާ ދަރިވަރުންނަށް ބޭނުން ކުރެވޭނެ ކަމުގެ އުއްމީދު އާވެފައިވާ ކަަމަށާއި، ސަރުކާރުން އެ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ ފަދަ ކަމެއް ނުކުރާނެކަން ޔަގީން ކުރެވޭ ކަމަށް އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔުނިއަން އިން ބުނެފިއެވެ.

Ads by Asuru
ގައުމީ ޔުނިވަރސިޓީން މެޑިސިން ކިޔަވަމުންދާ ދަރިވަރުން ކިޔެވުމަށް ދަރުމަވަންތަ ހޮސްޕިޓަލުން ދޫކޮށްލައިފާ ދެ ފަންގިފިލާ ހުސްކުރަން އެންގި މައްސަލައިގައި އެ ޔުނިއަން އިން ވަނީ ރައީސް އޮފީހާ ބައްދަލު ކޮށްފައެވެ.

އެ ބައްދަލުވުމަށް ފަހު އެ ޔުނިއަން އިން ނެރުނު ބަޔާނުގައި ބުނީ ރޭ ރައީސް އޮފީހުގެ އިސް ބޭފުޅުންނާއި އައިޖީއެމްއެޗް އަދި އެމްއެންޔޫޫގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައިވާއިރު މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ ފަދަ ކަމެއް ނުކުރައްޥާނެ ކަމުގެ ޔަގީންކަން ދިން ކަމަށާއި، ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވަޑައިގެން، އެކަަމަށް އިސްކަން ދެއްވާކަމާއި، މިހާރަށްވުރެ ފުރިހަމަ ފެސިލިޓީއެއް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދިން ކަމަށެވެ.

އަދި ސިއްހީ ދާއިރާއަކީ ރައީސް ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއްކަންވެސް ބައްދަލުވުމުގައި ފާހަގަކުރައްވާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ އުއްމީދު ދެއްވާފައިވާ ކަމަށެވެ.

މިއީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަކަށްވެފައި، މެޑިސިން ކިޔަވާ 200 އެތަކެއް ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލުގެ 8 އަދި 14 ވަނަ ފަންގިފިލާފައި ތިބެވޭނެ ކަމުގެ އުއްމީދު އާވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.