ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފައިވާކަން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ ހާމަ ކުރައްވައިފިއެވެ.

މިނިސްޓަރު މިކަން ހާމަ ކުރެއްވީ މިރޭ ބޭއްވި ”އަހާ ފޯރަމް“ ގައެވެ.

މާރިޔާ ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދީ، މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ.

އެގޮތުން ސްޓޫޑެންޓް ލޯނަށް މި ފަހަރު ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރާގޮތަށް ރައީސް ނިންމެވިކަން ހާމަކުރެއްވިއެވެ

މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ކުރުމަތިލުމަށް ހުޅުވާލީ މިދިޔަ ފެބްރުއަރީމަހުގެ 29 ވަނަ ދުވަހުއެވެ.

މި ލޯނަށް އެދުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައި ވިޔަސް، ފަހުން މި ސުންގަޑި އަންނަމަހުގެ 2 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.