މިހާރު ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ޗިކުންގުންޔާ އަކީ، ޑެންގީ ހުން ޖައްސާ އީޑިސް މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ހުމެކެވެ.

Ads by Asuru

ޗިކުންގުންޔާގެ އަލާމާތްތަކަކީ ކޮބާ؟

މި ބަލި ޖެހުމުން ގަދަ ހުމެއް އައިސް، ހުޅުތަކުގައި ރިއްސައި، ހުޅުތައް ދުޅަވެއެވެ. އަދި ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގައި، ހޮޑު ވެސް ލެވެއެވެ.

އަދި ބަނޑާއި ގައިގައި ރިއްސުމާއި ބޮލުގައި ރިއްސުމަކީ ވެސް މި ބަލީގެ އަލާމާތްތަކެވެ.

ޗިކުންގުންޔާގެ ސަބަބުން ހުޅުތަކުގައި ރިއްސުމަކީ ވަރަށް ގިނަ ދުވަސްވަންދެން ތަހައްމަލު ކުރަން ޖެހޭ ކަމަކަށް ވެސް ބައެއް ފަހަރު ވެއެވެ.

މި ބަލިން ރައްކާތެރި ވާނީ ކިހިނެއް؟

މިއީ އީޑިސް މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެއް ކަމުގައިވުމާއިއެކު، މި ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމީ، މަދިރިން ރައްކާތެރިވުމެވެ. ސާފު ފެނުގައި ބިސް އަޅައި، ވަރަށް އަވަހަށް އާލާވާ، އީޑިސް މަދިރި އުފެދިދާނެ ފަދަ ގޮތަކަށް ފެން ނުބެހެއްޓުން ވަރަށް މުހިންމެވެ.

މަދިރި އާލާވާ ތަންތަން ނައްތާލާނީ ކިހިނެއް؟

  • ގެއާއި ގޯތި ތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ހަފްތާއަކު އެއް ފަހަރު ސާފު ކުރުން
  • ގަސް މުށި، ހުސް ތާނގީ ފަދަ ތަކެތި، ފެން ނޭޅޭނެ ގޮތަށް ބެހެއްޓުން
  • މަދިރި ފަނި ނައްތާލުމަށް ބީ.ޓީ.އައި ނުވަތަ ޓެމިފޯސް ބޭނުންކުރުން
  • ދައުރު ނުވާ ގޮތަށް ހުންނަ ފެންގަނޑުތަކަށް، މަދިރީގެ ފަނި ކާ ކުދި މަސް ލުން

އީޑިސް މަދިރީގެ ފަނި ހުރި އެއްޗެއްގެ ފެން ހުސް ކުރިޔަސް، އެ ތަކެތީގައި މަދިރި ބިސް ހަރުލާފައި ހުންނާނެއެވެ. އަދި ހަލާކު ވެސް ނުވެ، ހަ މަސް ދުވަހަށްވުރެވުރެ، ގިނަ ދުވަހު ވެސް ހުރެއެވެ. އެހެންވެ، މިފަދަ ތަކެތި ވަރަށް ރަނގަޅަށް ސާފު ކުރަން ވާނެއެވެ.

މަދިރި ހެފުމުން ރައްކާތެރިވާނީ ކިހިނެއް؟

މަދިރި ހެފިޔަ ނުދިނުމަށްޓަކައި މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުން ކުރާށެވެ. ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާ ގޮތަށް ފޭރާން ލާށެވެ. ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖަހައި، މަދިރި ގެ ބޭނުން ކުރާށެވެ.

މަދިރި ގިނައިން އުޅެނީ ކޮން ގަޑިއެއްގައިތަ؟

ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަ ވަނީ ހެނދުނާއި ހަވީރުއެވެ. މި ވަގުތުތަކުގައި މަދިރި ގިނައިން އުޅޭއިރު، ކުޑަދޮރުތައް ލައްޕާފައި ބަހައްޓާށެވެ. އީޑިސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ކަމުގައި ވިޔަސް، ރޭގަނޑުގެ ވަގުތުތަކުގައި ވެސް މަދިރިން ރައްކާތެރިވާށެވެ.

ޗިކުންގުންޔާ ޖެހެނީ ކިހިނެއް؟

މިއީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. މި ބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހަފާ މަދިރި، ބަލި ނުޖެހޭ މީހެއްގެ ގައިގައި ހެފުމުން، އެ މީހާއަށް ބަލި ޖެހެން މެދުވެރިވެއެވެ. މަދިރި ހަފާތާ 3 ނުވަތަ 7 ދުވަހުގެ ތެރޭގައި މި ބަލީގެ އަލާމާތްތައް ފެންނާން ފަށާނެއެވެ.

މި ބަލީގެ ފަރުވާ އަކީ ކޮބާ؟

މި ބަލި ޖެހުމުން ގިނައިން އަރާމުކޮށް، ދިޔާތަކެތި ބުއިން ގިނަ ކުރަން ވާނެއެވެ. އަދި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުން ކުރަން ވާނެއެވެ. ހުން އައިސް ގައިގައި ރިއްސާނަމަ، ޕެނެޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރާށެވެ. ސިއްހީ ހިދުމަތްތެރިއެއްގެ ލަފަޔާއި އިރުޝާދާއިއެކުގައި މެނުވީ، އެއްވެސް ބޭހެއް ބޭނުން ނުކުރާށެވެ. ހުން އައިސް، ހުޅުތަކުގައި ރިއްސުން ދިގުލައިގެން ގޮސް، 3 ނުވަތަ 7 ދުވަސް ވެއްޖެނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދާށެވެ.