މިދިޔަ އޭޕްރީލް މަހުގެ ފެން ބިލުން ޑިސްކައުންޓު ދޭނެ ގޮތް އެމްޑަބްލިޔުއެސްސީން ހާމަކޮށްފިއެވެ.

Ads by Asuru

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ، ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމުމާ ގުޅިގެން، ރޯދަ މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް ފެން ކުންފުނީގެ އުސޫލުން ޑިސްކައުންޓު ދީފައި ވާނީ މާޗް 11 އިން އެޕްރީލް 11 ގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށް ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލު ކުރެވިފައިވާ މިންވަރުގެ 24.5 އިންސައްތަ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ނަމަވެސް މި ބިލުތަކުގައި ރޯދަ މަހު ބޭނުން ކުރެވުނު ފެނާއި ކަރަންޓު ހިމެނިފައި ވަނީ އެކި މިންވަރަށް ކަމަށާއި ރޯދަ މަހުގެ ތެރޭގައި ފޮނުވި ބިލްތަކުގެ އިތުރުން ރޯދަ މަހުގެ ތެރޭގައި ބޭނުންކުރި ފެނާއި ކަރަންޓުގެ އަގަށް ވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ދިނުމަށް ނިންމަވާފައިވާތީ މިދިޔަ މަހުގެ ބިލްތަކަށް ޑިސްކައުންޓް ދޭނެ ކަމަށް އެމްޑަބްލުއުއެސްސީން ބުންޏެވެ.

އެމްޑަބްލިއުއެސްސީން ވަނީ އޭޕްރީލް މަހުގެ ބިލް ޑިސްކައުންޓު ހިމަނައިގެން ފޮނުވި މާޗް މަހުގެ ބިލަށް ވުރެ ބޮޑުވާ ނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން އުނިކޮށް ދޭނެ ކަމަށް ބުނެފައެވެ.

އެގޮތުން އުނިކޮށްދެވޭ މިންވަރަކީ މިދޔަ މަހުގެ ބިލްގެ 10 އިންސައްތައަށް ވުރެ ކުޑަމިންވަރެއް ނަމަ، 10 އިންސައްތައާ އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށް ދޭން ވަނީ ނިންމައިފައެވެ.

އަދި އޭޕްރީލް މަހުގެ ބިލް މާޗް މަހުގެ ބިލަށް ވުރެ ކުޑަ ނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭނެ ކަމަށް ފެން ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އަލަށް ފެން އަދި ކަރަންޓް ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ އޭޕްރީލް މަހުގެ ބިލް ނަމަ އެފަދަ ފަރާތްތަކަށް ވެސް އޭޕްރީލް މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.