ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައް ކުރެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ އިންތިހާބީ މެމްބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިސްމާއީލް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާނީ، ދާއިރާގެ ރައްޔިތުންނާއި ވަރަށް ގާތުން ކަމަށެވެ.

”އަޅުގަނޑު މި މަގާމަށް ރައްޔިތުން ގެނައީ، ރައްޔިތުންގެ ވޯޓުން. ވަރަށް ބޮޑު އިތުބާރަކާ އެކީގަ. އެހެންވީމަ، އަޅުގަނޑު އަބަދުވެސް ދައްކަމުން އައި ވާހަކައެއް، އެ އިތުބާރު އަޅުގަނޑު ގެއްލުވާނުލާނަމޭ.“ އިސްމާއީލް ވިދާޅުވިއެވެ.

އަލަށް އިންތިހާބުވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާއި އެކީގައި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ކުރިއަށްދާ ވަރަށްވުރެ، ބޮޑަށް ތަރައްގީގެ މަޝްރޫއުތައް ހަލުވި ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑު ގަބޫލު ކުރަނީ، ފާއިތުވެގެން ދިޔަ ފަސް މަސް ދުވަހު ވެސް، އެދެވޭ ބަދަލުތަކެއް ރައީސް ޑރ.މުއިއްޒު ގެނެސްދެއްވި ކަމަށް.“ އިސްމާއީލް ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ، ރައީސް މުއިއްޒު އަކީ ބަދަލު ހިފުމުގެ ރޫހު އެއްވެސް ވަރަކަށް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި، މި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ބޭނުންވަނީ އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް ވެސް މަސައްކަތް ކުރާނީ އެ ރޫހުގައި ކަމަށެވެ.