ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ގުޅޭ ވީޑިއޯއެއް އާއްމުވެ، އޭނާއަށް ފާޑުކިޔުންތައް އަމާޒުވުމުން އިމްރާން ދިފާއު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ދެއްކެވީ ވަރަށް މަތިވެރި ނަމޫނާއެއް ކަމަށް ޝެއިހު ޝަފީއު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީީސް އިމްރާން އޭނާގެ އަނބިކަބަލުންނާއި އެކު ދަތުރު ކުރެއްވި ކާރުގައި، އާންމު ރައްޔިތެއްގެ ޕިކަޕަކުން ޖެހި ގެއްލުންތަކެއްވީ މައްސަލައިގައި ވީޑިއޯއެއް އާއްމު ވުމުން ރައީސް މުއިއްޒު ވަނީ މީހުން ފަޟީހަތް ކުރުމާ ދެކޮޅު ކަމުގައި ވިދާޅުވެ، ޕޯސްޓެއް ކުރައްވާފައެވެ.
މި ހާދިސާ ހިނގުމުން އެ ތަނަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު އިމްރާން ލަތީފް (އިންމު) ވަޑައިގެން ވަނީ، އިމްރާނާއި ވާހަކަ ދައްކަވައި ޕިކަޕް ޑްރައިވަރަށް މައާފުކޮށް ދޭން އެދިވަޑައިގެންފައެވެ.
މައްސަލަ ހޫނުވީ، އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ނުކޮށް، ވީޑިއޯ އާއްމު ކުރުމުންނެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ އެއްވެސް މަގްސަދެއްގައި އެކަމެއްގައި ޝާމިލުވާ މީހެއްގެ ވީޑިއޯ ނަގައި، ފަޟީހަތް ކުރެވޭ މޭރުމަކުން އަމަލު ކުރުމަކީ އަހުލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބަލާއިރު ވެސް ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.
އަދި ކުށެއް ކުރި މީހަކާއި މެދު އަމަލު ކުރާނެ ގޮތް ގާނޫނުގައި ލިޔެވިފައިވާއިރު ރައީސް ވިދާޅުވީ އެކަމަށް ފިޔަވަޅު އަޅަން މުވައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމުވެފައިވާކަމަށެވެ.
މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން! ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި…
— Dr Mohamed Muizzu (@MMuizzu) May 6, 2024
ޝެއިހު ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ފަރާާތްޕުޅުން ފެނިގެން ދިޔައީ، ހެޔޮލަފާ ވެރިއެއްގެ ފަރާތުން ފެންނާން ޖެހޭ ނަމޫނާއެއް ކަމަށެވެ.
”އަމިއްލަފުޅު ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރަކަށް ހެއްދެވުނު ގޯސް ދިފާޢެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި މުޅި ޤައުމަށް ދެއްވީ ހެޔޮ ނަޞޭޙަތްފުޅެވެ. އިސްކުރެއްވީ މުޅި މުޖުތަމަޢުގެ މަޞްލަޙަތެވެ. ފެތުރުއްވީ އޯގާތެރިކަމާއި ކުލުނެވެ.“ ޝެއިހު ވިދާޅުވިއެވެ.
ޝެއިހު ޝަފީއު ވިދާޅުވީ ރައީސް މުއިއްޒު ދިފާއު ކުރެއްވީ އެމަނިކުފާނާ މެދު ހެއްކެއް ގަރީނާއެއް ނެތި އެތަކެއް ތުހުމަތެއް ކުރައްވައި އެތަކެއް ވާހަކަތަކެއް ދެއްކެވި ސިޔާސީ ވާދަވެރިއެއް ކަމަށާއި، އެއީ ހައްގަށް ނަސްރު ދެއްވުމުގެ ގޮތުން ކުރެއްވި ކަމެއް ކަމުގައެވެ.
”މުހިންމީ އިސްލާމީ ރިވެތި އަޚްލާޤު މުޖުތަމަޢުގައި ދެމެހެއްޓެވުން ކަމުގެ މެސެޖު ދެއްވަމުންނެވެ. މާތް ޅﷲ ޑރ. މުއިއްޒަށް ދިވެހި ގައުމާއި ރައްޔިތުންގެ ކަންކަން އިޞްލާޙުގެ މަގުން ކުރިޔަށް ގެންދެވުމުގެ ތައުފީޤު މިންވަރުކޮށްދެއްވާށިއެވެ. އާމީން!“
އިމްރާން ދިފާއު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވި ބަސްފުޅަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.