ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ފަސް މަސް ދުވަހު، އިސްލާމީ ކަންކަމުގެ ތެރެއިން ހާސިލު ކުރެވުނު އެންމެ މުހިންމު ކަމަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް ގާއިމު ކުރެވުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝަހީމް މިގޮތަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒުގެ މެނިފެސްޓޯގައި، އިސްލާމީ ވަރަށް ގިނަ ކަންކަން ހާސިލު ކުރަން ހިމަނާފައިވާއިރު، އޭގެ ތެރެއިން ވަރަށް ގިނަ ކަންކަން، ފާއިތުވި ހަ މަސް ދުވަސް ތެރޭގައި ހާސިލު ކުރެވިގެން ދިޔަ ކަމަށެވެ.

މި ސަރުކާރުގެ މެނިފެސްޓޯގައި، އިސްލާމީ ކަންކަމާ ބެހޭ ބައިގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމު ކުރުން ކަމުގައި ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ދިވެހިރާއްޖެ ޒަކާތު ހައުސް މިހާރު އުފެދިފައިވާ ކަމަށެވެ.

”ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ނިޒާމު ފުރިހަމަކޮށް، ކުރަން ޖެހޭ މަސައްކަތްތައް އެ ތަނުން (ޒަކާތު ހައުސް އިން) ކުރަމުން އެބަދޭ.“ މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މީގެ ކުރިން 1980 ވަނަ އަހަރު ރާއްޖޭގައި ޒަކާތަށް ހާއްސަ އޮފީހެއް ހުޅުވި ކަމުގައި ވިޔަސް، އެތަން ފަހުން އިސްލާމީ އެހެނިހެން އިދާރާތަކާއި އެކުވެގެން ދިޔަ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއަދާ ޖެހެންދެން އެ އޮފީސް ހުރިނަމަ، ރާއްޖެ އަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ތަނެއް ކަމުގައި ވީހެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، މި ފަސް އަހަރު ނިމިގެންދާއިރު، ޒަކާތު ހައުސްގެ ކަންކަން ފުރިހަމަ ވެގެންދާނެ ކަމަށާއި، ވެރިކަމުގެ ކުރީކޮޅު މިކަން ފައްޓަވައިދެއްވީތީ، ރައީީސް މުއިއްޒުއަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހު ކުރީ މިދިޔަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.