ބައިނަލްއަގްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު، ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

Ads by Asuru

ސޯޝަލް ސެންޓަރުގެ ހޯލުގައި ރޭ އޮތް މި ރަސްމިއްޔާތުގައި، ތެލަސީމިއާ ހިދުމަތްތައް ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމުއިއްޔާ ޖަމާއަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ލިބިލެއްވި ދެ ފަރާތަށާއި، ތެލަސީމިއާ ހިދުމަތްތައް ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ތިން ފަރާތަކަށް ރައީސް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި، ރައީސްގެ އަނބިކަނބަލުން ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް 20 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ހަ ފަރާތަކަށް ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި، ތެލަސީމިއާ ދުވަހާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ އިތުރުން ތެލަސީމިއާ ހިދުމަތްތައް ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމުއިއްޔާ ޖަމާއަތްތަކާއި ފަރާތްތަކުގެ މަސައްކަތްތަކާގުޅޭ ވީޑިއޯ ރިޕޯޓެއް ދައްކާފައިވެއެވެ.

ތެލަސީމިއާގެ ފަރުވާއަށް މި ސަރުކާރުން ދެއްވާ އިސްކަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، ލަސްތަކެއް ނުވެ ވަރަށް އަވަހަށް ތެލަސީމިއާ ކުދިންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް މާލެ ސަރަޙައްދުގައި ގާއިމްކުރައްވާނެކަން މީގެ ކުރިން ވަނީ އިއުލާނުކުރައްވާފައެވެ.

އެގޮތުން އެ ހޮސްޕިޓަލް އިމާރާތްކުރުމަށް މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ވަނީ ހަމަޖައްސަވާފައެވެ.

މީގެ އިތުރުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ހަރަދުގައި ހިލޭ ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަން މިހާރު ވަނީ ފައްޓަވާފައެވެ.

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމްތައް މި ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާދެއްވާފައެވެ. ބައިނަލްއަގްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރުގައި އަލި އަޅުވާލާފައިވަނީ، ތެލަސީމިއާ އާއެކު ދިރިއުޅޭ މީހުން ބާރުވެރިކުރުމަށް، ފަރުވާއަށް ލިބިފައިވާ ކުރިއެރުންތަކުގެ ބޭނުން ހިފައި، ހޭލުންތެރިކަން އިތުރުކޮށް، މާނަހުރި ހެޔޮ ބަދަލަކަށް ކެނޑިނޭޅި ވަކާލާތު ކުރުމުގެ ޒިންމާގެ މައްޗަށެވެ.