އަންހެނުން ކުރިއެރުވުމުގެ ނަމުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް ދައްކަނީ ފޮނި ވާހަކަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިގޮތަށް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރޮޒައިނާ ވިދާޅުވީ އަންހެނުން ކުރިއަރުވާށޭ ކިޔައިގެން ހުރިހާ ޕާޓީއެއް ވެސް ދައްކަނީ ފޮނި ވާހަކަ ކަމަށާއި ސަރުކާރުތަކުން އ.ދ ގެ މުއާހަދާތަކުގައި އަންހެނުން ކުރިއަރުވާށޭ ކިޔައިގެން ސޮއި ކުރަނީ ވެސް ކަން ދައްކަން ކަމަށެވެ.

”ހަގީގަތުގައި ކަމެއް ކުރަން ޖެހުނީމާ އޮންނަނީ ބަހަނާ ދެއްކުން. އެއްވެސް ބަޔަކު ކުރާކަށް ބޭނުމެއް ނުވޭ،“ ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވަނީ އަންހެނުން ކުރިއަރުވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކޮށްދެއްވި ވަރަށް މަސައްކަތް ކުރެއްވި ވެރިއަކު ނާންނަ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 33 ޕަސަންޓު ގޮނޑި އަންހެނުންނަށް ހާއްސަކުރަން ގާނޫނު އަސާސީ އަށް ރޮޒެއިނާ ދާދިފަހުން ވަނީ އިސްލާހެއް ހުށަހަޅާފައެވެ. ނަމަވެސް ”ތަބަކަށް ލާފައި“ އަންހެނުންނަށް ގޮނޑި ދޭން ނުޖެހޭ ކަމަށާއި، އެއީ އިންސާފުވެރި ގޮތް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.