އަފްޣާނިސްތާނުގެ އުތުރުގެ ޕްރޮވިންސް ބަގްލާންއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 50 މީހުން މަރުވެއްޖެއެވެ.
އެ ގައުމުގެ ދާހިލީ ވުޒާރާއާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
އެ މިނިސްޓްރީގެ ތަރުޖަމާނު އަބްދުލް މަތީން ކަނީ ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަގްލާންގެ ފަސް އަވަށަށްވުރެ ގިނަ އަވަށުގައި ފެންބޮޑުވެފައިވާ ކަމަށެވެ.
އަދި ބައެއް އާއިލާތައް އިމާރާތްތަކުގައި ތާށިވެ އަވަސް އެހީއަކަށް ބޭނުންވެފައިވާ ކަމަށް ވިދާޅުވިއެވެ.
”އިންޓީރިއާ މިނިސްޓްރީން އެ ސަރަހައްދަށް ޓީމްތަކާއި ހެލިކޮޕްޓަރުތައް ފޮނުވި ނަމަވެސް ހެލިކޮޕްޓަރުތަކުގައި ނައިޓް ވިޝަން ލައިޓް މަދުވުމުގެ ސަބަބުން އޮޕަރޭޝަން ކާމިޔާބު ނުވެދާނެ،“ އޭނާ ވިދާޅުވިއެވެ.
މަރުވި މީހުންގެ އަދަދު ޕްރޮވިންސް ނެޗުރަލް ޑިޒާސްޓާ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ވެރިޔާ، ލޯކަލް އޮފިޝަލް ހެދަޔަތުالله ހަމްދާދު ވެސް އޭއެފްޕީއަށް ކަށަވަރުކޮށްދެއްވި އިރު، ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ އޭއެފްޕީއަށް ވިދާޅުވިއެވެ.
