ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއިއެކު ޓީމު އޮތީ ބަދަހިކޮށް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އެކްސްގައި މިއަދު ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުން ދަނިކޮށް އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލީހުގެ އިންތިހާބުގައި ދިވެހީން ނުކުމެ ސާބިތުކޮށްދީފައިވާ ކަމަށެވެ.

”އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ޚަބަރުތަކުން، އިންޝާﷲ އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ފަޟީހަތްވުންނޫން އިތުރުކަމެއް ހާސިލެއް ނުވާނެ.“

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ.މުއިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް ކަމަށާއި، ދިވެހީންދާނީ މުއިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށް ކަމަށެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވިއިރު، މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީއާއިއެކު ތަރައްގީގެ ދުވެލި އެތައް ގުނައެއް ހަލުވިވެގެންދާނެ ކަމުގައި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.