އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހަމަލާތައް ވަރުގަދަކޮށް، ދެކުނުގެ ރަފާހް ސިޓީގެ އިރުމަތީ ސަރަހައްދުތަކަށް ޓޭންކުތައް ވައްދައި، އެ ސަރަހައްދުގެ މެދުގައި ހުންނަ ރެފިއުޖީ ކޭމްޕަކަށް ބޮން އަޅައިފިއެވެ.
ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގައި އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން އަންގާރަ ދުވަހު ގެއަކަށް ހަމަލާދީ ކުޑަކުދިން ވެސް ހިމެނޭހެން ފަލަސްތީނުގެ 14 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވަފާއިން ވަނީ ބުނެފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން އުތުރުގެ ބައެއް ސަރަހައްދުތަކުން އިތުރަށް މީހުން ހުސްކުރުމަށް އަންގާފައިވާއިރު، ޔަހޫދީ އަނިޔާވެރި ސިފައިންނާއި ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ވަރުގަދަޔަށް، އަލުން ފަށާފައި މިވަނީ، އިޒްރޭލުން އެސަރަހައްދަށް ސިފައިން އަނބުރާ ފޮނުވާލުމާ ގުޅިގެންނެވެ.
އިޒްރޭލުގެ ޓޭންކުތަކާއި، ބުލްޑޯޒަރުތަކާއި ހަތިޔާރު އެޅި އުޅަނދުތަކުން ވަނީ އުތުރުގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ކަމަށްވާ ޖަބާލިއާ ރެފިއުޖީ ކޭމްޕްގެ އިވެކުއޭޝަން ޒޯންތަކާއި ހިޔާތައް ވެސް ވަށާލާފައެވެ.
އެ ސަރަހައްދުގައި އަންގާރަ ދުވަހުގެ ރޭ ވެސް ވަރުގަދަ ބަޑީގެ ހަމަލާތައް ވަނީ ހިނގައިފައެވެ.
އދ އިން ބުނީ، ޣައްޒާގެ ދެކުނު އަދި އުތުރުގައި އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަކޮށް ފަލަސްތީނުގެ ބައި މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.
އދގެ ޑެޕިއުޓީ ތަރުޖަމާނު ފަރްހާން ހައްގު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އުތުރުން މީހުން ހުސްކުރުމުގެ އަމުރުތަކުގެ ސަބަބުން މިހާތަނަށް ލައްކައެއްހާ މީހުން ގެދޮރު ގެއްލިފައިވާ ކަމަށެވެ.
ޣައްޒާގެ ދެކުނުގައިވާ ރަފާހުއަށް އެކަނި ބަލާއިރު، ހަފުތާގެ ތެރޭގައި ފަލަސްތީނުގެ 450،000 މީހުން އެ ސިޓީން ބޭރުކޮށްފައިވާ ކަމަށް އދ.ގެ އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) އިން ބުނެފައިވެއެވެ.
