ފަރަންސޭސިވިލާތުގެ ޕެރިހުގައި މިއަހަރުގެ ޖުލައި 26ން އޮގަސްޓް 11ށް އޮންނަ ބައިނަލްއަގްވާމީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފަހުރު ހޯދި ދިވެހި އެތުލީޓް ފާތިމަތު ދީމާ ޢަލީގެ މި ތާރީހީ ކާމިޔާބީއަށް މަރްހަބާ ވިދާޅުވެ، ފާތިމަތު ދީމާ އަލީގެ އާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ހިތްވަރުދެއްވައިފިއެވެ.

Ads by Asuru

ފާތިމަތު ދީމާ އަލީގެ އާއިލާއާ މިއަދު ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ އޮލިމްޕިކް ކޮލިފައިންގެ ފައިނަލް މެޗެއް ކާމިޔާބުކޮށްގެން އޮލިމްޕިކްސްގައި ވާދަކުރުމުގެ ޝަރަފްވެރި ޖާގައެއް ދިވެހި ކުޅިވަރު ކުޅުންތެރިއަކު ހާސިލްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ވަރަށް އުފާކުރައްވާކަމުގައި ވިދާޅުވިއެވެ.

އަދި ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ މޮޅު ޓޭބަލްޓެނިސް ކުޅުންތެރީންނާ ވާދަކޮށް ދިވެހިރާއްޖޭގެ ޒުވާން އަންހެން އެތުލީޓަކު މި ހޯދި ބޮޑު ކާމިޔާބީއަށް މުޅިރާއްޖެ ފަހުރުވެރިވާކަން ފާހަގަކުރެއްވިއެވެ.

ކުޅިވަރުގެ ރޮނގުގައި ވަރަށް ޅަ ޢުމުރުގައި ފާޠިމަތު ދީމާ ޢަލީ ހޯދަމުންދާ ހަލުވި ކާމިޔާބީތަކާ ކުޅިވަރުގެ ހުނަރު އިތުރަށް އުނގެނި ކުރިއެރުމަށް ކުރަމުންދާ ހިތްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވީ ނަމޫނާއެއްގެ ގޮތުގައެވެ.

އަދި މިގޮތުގައި ވަރުގަދަ ޢަޒުމަކާއެކު ހުއްޓުމެއްނެތި ކުރިއަށްދިއުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

އޮލިމްޕިކްސްގައި ވާދަކޮށް ރަނގަޅު ކާމިޔާބީއަކާ ހަމަޔަށް ދިއުމަށް ފާތިމަތު ދީމާ އަލީއަށް މި ލިބުނު ފުރުސަތުގައި ދިވެހި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް މިއަދު ވަނީ ދެއްވައިފައެވެ.

އަދި މިއީ ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި މުޅި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލަކާ ކުރިއެރުމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގެ އޮލިމްޕިކް ކޮލިފައިން ޓޭބަލްޓެނިސް ފައިނަލް މެޗު ކާމިޔާބުކޮށް ދީމާ މި ހޯދި ޝަރަފާއެކު، ރާއްޖޭގެ ތާރީހުގަައި އޮލިމްޕިކް ކޮލިފައިން ފައިނަލެއް ކާމިޔާބުކޮށް އޮލިމްޕިކްސްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ އެތުލީޓަށް، އަދި އޮލިމްޕިކްސްގައި ޓޭބަލްޓެނިސް ކުޅުމުގެ ފުރުސަތު ލިބޭ ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށްވެސް ދީމާ ވާނެއެވެ.