ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިޒް އެކްސެލެންސީ ސުލްތާން ބިން އަބްދުއްރަހްމާން އަލް މަރްޝަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށްޓަކައި ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ރައީސް ޝުކުރުއަދާކުރެއްވިއެވެ.

އަދި މިފަހުން ރައީސް އަދި އެ މަނިކުފާނާއެކު އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާމެދު އެ ގައުމުން ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހުމާންދާރީއަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ކުރިއަށްގެންދާ އެކިއެކި މަޝްރޫއުތައް އިތުރަށް ފުޅާކުރުމާމެދު މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ ވަނީ ދިވެހިރާއްޖެއިން އެ މަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި ޝުކުރުއަދާކުރައްވައި، ރާއްޖެއަށް އެއްބާރުލުން ދެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ރައީސްއަށް އަރުވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ދިވެހިރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.