ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލުކޮށްފައި ނުވާ ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް އިދިކޮޅު އެމްޑީޕީން ގެނައި އިސްލާހުގެ ބިލު، އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފިއެވެ.

Ads by Asuru

މި ބިލަކީ 29 އޭޕްރީލްގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރައްވައި، މިދިޔަ މަހުގެ ދެވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ތަސްދީގު ކުރެއްވުމަށް އެދިވަޑައިގެން ފޮނުއްވައިފައިވާ ބިލެކެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު މީކާއީލް ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާއަކުން ގޯތި ހަވާލުކުރަންވާނެ ކަމަށެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ ހަވާލުކުރަންވާނެ ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި މި އިސްލާހު މަޖިލީހުން ފާސްކުރީ، ތިރީސް ފަސް މެމްބަރުންގެ ވޯޓުންނެވެ.