ހުޅުމާލޭގެ ދެ ވަނަ ފިޔަވީގެ ރުއްގަނޑު ތިނެއްގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި 31 މެއި ގެ ނިޔަލަށް ނަގައި، ބިމުގެ އިމުގެ ތެރެއިން ހުސްކޮށް އޮތް ސަރަހައްދަށް ބަދަކުލުރަން އަންގައިފިއެވެ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނީ، މި ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ބަދަލުކުރަނީ މި ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނަމަށް ކަމުގައި ވިޔަސް، މި ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
”އެހެންކަމުން މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް މި ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ސަރަހައްދު ތަރައްގީ ކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެއެވެ.“ އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހައިވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން ދޭ އެއްބާރުލުން ފާހަގަކުރާ ކަމަށް ބުނެފައިވެއެވެ.