ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހަ މަސް ފުރިފައިވާއިރު، އެމަނިކުފާނުގެ ސަރުކާރުން ވަނީ، މި ފާއިތުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި، ވަރަށް ގިނަ ކަންކަން ހާސިލު ކުރައްވާފައެވެ.

Ads by Asuru

އެގޮތުން މިދިޔަ މާޗު މަހުގެ ސޯޅަ ވަނަ ދުވަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެއާ ކޯ އިފްތިތާހުކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ހިދުމަތަށް ތައާރަފްކޮށްފައިވެއެވެ.

ގައުމީ ދިފާއީ ބާރުގެ އެއާ ކޯ އިފުތިތާހުކޮށް، ޔޫއޭވީ ތައާރަފް ކުރީ އެއްގަމާއި، ކަނޑާއި، ވައިގެ މަގުންވެސް ގައުމު ދިފާއުކުރުމުގެ ޒަމާނީ އަސްކަރީ ގާބިލްކަން ރާއްޖޭގައި ވަރުގަދަކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

މިގޮތުން ރާއްޖޭގައި މުޅިން އަލަށް ބޭނުން ކުރަން ފެށި ޑްރޯންގެ ހާއްސަ ސިފަތަކުގެ ތެރޭގައި 300 ކިލޯމީޓަރު ދުރުން މަރުކަޒަށް މައުލޫމާތު ފޯރުކޮށްދެވުމާއި، 18،000 – 25،000 ފޫޓު މަތިން އުދުހެވުމާއި، ހުއްޓުމެއް ނެތި 27-50 ގަޑިއިރު އުދުހެވުމާއި، ބޭނުންނަމަ ހަތިޔާރު ހަރުކުރެވުމާއި، 70-120 ކިލޯމީޓަރުގެ ބާރުމިނުގައި އުދުހެވުމާއި، ނައިޓް ވިޝަން އިމޭޖާއި ވީޑިއޯ ވަގުތުން ފޮނުވުން ހިމެނެއެވެ.

ދިވެހި ސަރުކާރުން ބުނީ ރާއްޖޭގެ ތާރީހުގައި މުޅިން އަލަށް ރަސްމީކޮށް ވައިގެ ބާރެއް އުފައްދައި، އެ ބާރުގައި ޔޫއޭވީ ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލާއި، ސިޔާދަތު ހިމާޔަތްކޮށް ދިފާއުކުރުމަށް އެޅިގެންދާ ހަރުދަނާ އަދި މުހިއްމު ފިޔަވަޅެކެވެ.

މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ)ގެ ތެރޭގައި ހިމެނޭ ތިން ޑްރޯން އަކީ ތުރުކީ އިން ހަދިޔާކޮށްފައިވާ ތިން ޑްރޯންއެވެ.