ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މިހާރަށް ވުރެ އިތުރު ފަހިގޮތްތައް ކުރިއަށް އޮތްތަނުގައި ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައި.އެސް.ޖީ.2021(ގައި ވާދަކުރި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމާ އެމަނިކުފާނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ ކުޅިވަރުތަކަށް އިތުރު ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށެވެ.

އަދި ކުރިން ރާއްޖެއަށް ގިނަ ކާމިޔާބީތައް ޙާޞިލު ކުރެވެމުން ދިޔައީ ސަރަޙައްދީ މުބާރާތްތަކުން ކަމުގައި ވީނަމަވެސް މިފަހަރުގެ މި ކާމިޔާބީއާއެކު ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް މިއައްވުރެ މާބޮޑެތި ކާމިޔާބީތައް ވެސް ހޯދިދާނެކަމުގެ އިތުބާރާއި ޔަޤީންކަން މިހާރު ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ހުރިހާ ކުޅިވަރުތައް ތަރައްޤީކުރުމަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.