ޓެކްސީ ޑްރައިވަރަކާ ގުޅޭގޮތުން، އާއްމު ރައްޔިތަކު ހުށަހެޅި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަން ފަށައިފިއެވެ.

Ads by Asuru

އައިޝަތު ފަސާނާ ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ހުޅުމާލެ ފޭސް 1ގައި، ޓެކްސީ ޑްރައިވަރަކު އޭނާއާ ދޭތެރޭ އަމަލުކުރި ނާތަހުޒީބު އަދި އަހުލާގީ މިންގަނޑު ދަށް ގޮތުގެ ވާހަކަ ހިއްސާކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގުކޮށް، އަމަލުކުރަންޖެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

ދިވެއްސަކު، އޭނާގެ ދަރިފުޅުގެ ފެތުމުގެ މުބާރާތް ނިމުމުން ގޮވައިގެން މާލެ ދިޔުމަށް އެރި ޓެކްސީގައި އިން ޑްރައިވަރު ވަނީ އަހުލާގީ މިންގަނޑަށް ނުފެތޭ ވާހަކަވެސް ދައްކައިފައެވެ. އަދި އިތުރު މީހަކު އެރުވުމުގެ ހުއްދައަށް ވެސް އެދުނު ކަމަށް އޭނާ ކުރި ޕޯސްޓުގައިވެއެވެ.

”ޓެކްސީއަށް އިތުރު މީހަކު އެރުވިޔަސް ހެޔޮތޯ އެހިއެވެ. ޖަވާބުގައި އަހަރެން ބުނީމެވެ. އެރުވިޔަސް މައްސަލައެއް ނެތެވެ. އެކަމަކު އެމީހާ އަތުން އަގު ނަގަންވާނީ އަހަރެން ފައިބާ ހިސާބުން އެމީހާ އެކަނި ކުރާ ދަތުރަށް އެކަންޏެވެ. އެގޮތަށް އެއްބަސްވެ އެރުވިޔަސް އެންމެ ރަނގަޅު ކަމަށް ބުނީމެވެ. ނަމަވެސް އެކަމާ އެއްބަސްނުވެ އެއީ ތިމަންނަ އާއި ދަތުރު ނަގާ މީހާ ދެމެދު ގޮތް ނިންމާ ކަމެއް ނޫންހޭ ކިޔާ ދެކޮޅު ހަދާ ރުޅިގަދަ ކުރަން ފެށިއެވެ.“ އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ބޭކާރު އެތައް ވާހަކައެއް ދައްކަމުން މުޅި ހުޅުމާލެ ވަށާ ބުރުޖެހުމަށްފަހު އިތުރު ކަސްޓަމަރެއް ނުލިބުމުން އެ ޓެކްސީ ޑްރައިވަރު ވަނީ ދެމައިން ގެންގޮސް އެމީހުން ޓެކްސީއަށް އެރި ތަނަށް ބާލުވާފައި ކަމަށް އޭނާ ކިޔައި ދިނެވެ.

އެމީހާ ބުނީ މި ދަތުރަކީ ފެތުމުގެ މުބާރާތެއް ނިންމާފައި އެ ވަރުބަލިކަމާއެކު އަވަހަށް ގެއަށް ދާން ބޭނުންވެފައިވާ ކުޑަކުއްޖެއްވެސް އިން ދަތުރެއް ކަމަށެވެ.