އެއްވެސް ރައްޔިތަކަށް ދީފައިވާ ގޯއްޗެއް އަތުނުލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށާއި، އެމަނިކުފާނު ގެންދަވަނީ އެ ވައުދު ފުއްދަވަމުން ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.
ސިއްދީގު މިހެން ވިދާޅުވީ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި، ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި، ރައީސް މުއިއްޒު، އަނބުރާ ފޮނުވައިލެއްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
ކުރީގެ ސަރުކާރު ނިމި އަދި މަޖިލީހުގެ ދައުރުވެސް ނިމެން އެހާ ކައިރިވެފައި ވަނިކޮށް ބިމާ ބެހޭ ގާނުނަށް އިސްލާހު ތަކެއް ގެންނަން މަސައްކަތް ކުރީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުރަސްއެޅުމުގެ ސިޔާސީ ވިސްނުންތަކެއް ހުރެގެން ކަމަށް ސިއްދީގު ވިދާޅުވިއެވެ.
”ރައީީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދީފައި އޮތް ތަނެއް އަތުނުލާނެ ކަމަށް، މިހާރު އެ ވައުދު އެ ދަނީ ފުއްދަމުން ދެއްތޯ! ހުޅުމާލޭގެ ކޮންމެ ދިމާލަކުން ދީފައި ހުރި ކަމުގައި ވިޔަސް، އަދި ޕްލޭން ބަދަލު ކުރައްވާފަ ނަމަވެސް، އެ ދީފަ އޮތް ތަނެއް އަތުނުލައްވާ، އެ ބަޔަކަށް އެގޯތި ހަވާލު ކުރައްވަމުން އެ ގެންދަނީ.“ ސިއްދީގު ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން، ތިން މަސް ދުވަސް ތެރޭގައި ގޯތި ހަވާލު ކުރަން މަޖުބޫރު ކުރުވާ އިސްލާހެއް، 35 މެމްބަރުންގެ ވޯޓާއިއެކުގައި ފާސްކުރިއިރު، ސިއްދީގު ވިދާޅުވީ، އެ އިސްލާހުގެ ސަބަބުން، މިވަގުތު ފަޅު ތެރޭގައި ހުރި ގޯތި ވެސް، ތިން މަސް ތެރޭގައި ދިނުމަށް ސަރުކާރަށް ލާޒިމު ކުރާ ކަމަށެވެ.
ތިން މަސް ތެރޭގައި ގޯތި ދޭން ލާޒިމު ކުރާ ބިލަކީ 29 އޭޕްރީލްގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރައްވައި، މިދިޔަ މަހުގެ ދެވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ތަސްދީގު ކުރެއްވުމަށް އެދިވަޑައިގެން ފޮނުއްވައިފައިވާ ބިލެކެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާއަކުން ގޯތި ހަވާލުކުރަންވާނެ ކަމަށެވެ.
އަދި މި ގާނޫނަށް އަމަލުކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ ހަވާލުކުރަންވާނެ ކަމަށެވެ.
