ބުޅަލަކަށް ވަރަށް ބޮޑަށް އަނިޔާވެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވެ، އެތައް ބައެއްގެ ނުރުހުން އަމާޒުވެއްޖެއެވެ.

Ads by Asuru

ފޭސްބުކްގައި މީހަކު އާއްމު ކުރި ވީޑިއޯއެއްގައި ފެންނަނީ، ބުޅަލަކަށް ބިރު ދައްކައި، އަނިޔާވެރިކަމާއިއެކު، އޭތި ފުޅިމަދު ފޮއްޓަކަށްލައި، މޫދަށް ދޫކޮށްލާ މަންޒަރެވެ. ވީޑިއޯ ބައްލަވާލެއްވުމަށް މި ލިންކަށް ވަންނަވާށެވެ.

މިކަން ކުރި ބަޔަކު ވީޑިއޯ އިން ނުފެނުނު ކަމުގައި ވިޔަސް، އެ ބަޔަކު ހީހީފައި، ވާހަކަ ދައްކާ އަޑު ވީޑިއޯއިން އިވެއެވެ. ބެލެވޭ ގޮތުގައި މި އަމަލު ހިންގީ ޒުވާން ފިރިހެން ކުދިންތަކެކެވެ.

ސޯޝަލް މީޑިއާއަށް މި ވީޑިއޯ ދޫކޮށްލި މީހާ ބުނީ، މިއީ ކޮން ބަޔަކު ކުރި ކަމެއްކަން ނޭނގޭ ކަމަށާއި، އޭނާ އަށް ވީޑިއޯ ފޮނުވާފައި ވަނީ ރަހްމަތްތެރިއެއް ކަމަށެވެ.

ވީޑިއޯއަށް ކޮމެންޓް ކުރި މީހުން ވަނީ، މި މައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލައިފައެވެ.

ބުޅަލަކަށް އަނިޔާ ކުރި މައްސަލައެއް، ދާދި ފަހުން ވެސް ފުލުހުން ވަނީ ބަލާފައެވެ.

ގއ. ވިލިނގިލީގައި ހިނގި މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވިއެވެ. އެ ވީޑިއޯ އިން ފެންނަނީ ފިރިހެނަކު ބުޅަލެއްގެ ދެ އަތުގައި ހިފުމަށްފަހު އުސް ފާރެއްގެ މަތިން އަނެއްކޮޅަށް އެއްލާލާ މަންޒަރެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ކުރިން ވިދާޅުވީ އެ މައްސަލަ ވިލިނގިލީ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.