ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ފޮރިން މިނިސްޓަރު، އަދި ޔޫއެންގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު ވެސް ހާމަކުރައްވައިފިއެވެ.
ޝާހިދު މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސް އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުމެއް ހުށަހަޅުއްވާފައިވަނިކޮށެވެ.
ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާއީދުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮވުމަށް ކަމަށެވެ. އަދި ޤާނޫނު ހެދުމުގެ ބާރާއި ސަރުކާރު ޒިންމާދާރުކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް ވެސް ތާއީދުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަދުލު އިންސާފު ގާއިމްކުރުން ފަނޑިޔާރު ގޭގައި އޮތުމަށް. ޤާނޫނަށް ބޯލެނބުމުގެ ސިފަ ވެރިންގެ ކިބައިގައި ހުރުމަށް.
ޝާހިދު މިހެން ވިދާޅުވެފައިވާއިރު ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީ ކޮންގްރެސް އަށް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އެދިވަޑައިގަންނަވާފައެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސް އަށް އެމަނިކުފާނު ހުށަހަޅުއްވާ ބަރުލަމާނީ ނިޒާމުގެ ގަރާރުގައިވާ ބައެއް ކަންކަން ހިއްސާކުރައްވާ، އެ އިސްލާހު އާންމުކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ހަޔާތުގައި އެމަނިކުފާނު ކަންކަމާ ކުރިމަތިލައްވަނީ އެކަމެއް ކާމިޔާބު ކުރައްވަން ކަމަށާއި އެހެންކަމުން ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެމަނިކުފާނު ގާނޫނުއަސާސީއަށް ހުށަހަޅުއްވަން ބޭނުންވާ އިސްލާހުތައް އެމްޑީޕީގެ ކޮންގްރެސްގައި ފާސްވެ އަދި ދިވެހި ރައްޔިތުންގެ ތާއީދު ވެސް އެކަމަށް ލިބޭނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ބަރުލަމާނީ ގަރާރު އެމްޑީޕީގެ ކޮންގްރެސްގައި ފާސްވުމާ އެކު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް މިއަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ.
