އައްޑޫ ސިޓީގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން ”އިސްރަށްވެހިންގެ ހިޔާވަހި“ ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މުއިއްޒު މިގޮތަށް ނިންމެވީ، ރައީސް އޮފީހުގައި ކުރިއަށް ދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މި މަރުކަޒު އެޅުމަށް ނިންމަވާފައިވަނީ އައްޑޫ ސިޓީ ފޭދޫ ގައެވެ.

ރައީސް މުއިއްޒުގެ މި ނިންމެވުމާ ގުޅިގެން، ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުމަށްވެސް ނިންމަވާފައިވެއެވެ.

އަދި ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

އިސްރަށްވެހިންނަށް ހާއްސަކޮށްގެން މާލޭގައިވެސް ވަނީ ”އިސްރަށްވެހިންގެ ނާދީ“ގެ ނަމުގައި މަރުކަޒެއް ހުޅުވާފައެވެ.