ފާގަތި މުސްތަގްބަލެއް ރާއްޖެއަށް ބިނާ ކޮށްދޭނެ ބައިވެރިއެއްގެ ގޮތުގައި މިފްކޯ އަބަދުވެސް އޮންނާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝަމާހު މިހެން ވިދާޅުވީ ތައިލޭންޑުގައި މިހާރު ކުރިއަށްދާ ”18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން“ ގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އަސާސަކީ ދޮށީގެ މަސްވެރިކަމަށް ވެފައި، ބާނާ މަހުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި އެންމެ ކޮލިޓީ ގޮތުގައި ބަލައިގަންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ،  ހަމަ ބައިކެޗް އުފެދުނަނުދީ، ކަނޑުގެ ދިރުންތަކަށް އެންމެ ގެއްލުން ކުޑަ މަސްވެރިކަމަކީ މިފްކޯގެ އަމާޒު ކަމަށެވެ.

”ދެމެހެއްޓެނިވި ގޮތުގައި މި ކުރާ މަސްވެރިކަމުގެ އިތުރުން އަޅުގަނޑުމެންވެސް ކަނޑު މަހުގެ އުފެއްދުންތައް ތައްޔާރު ކުރަނީ އެގޮތަށް ބަލައިގެން. ކޮލިޓީގެ އެންމެ އުސްފަންތީގައި ދެމިތިބުމަށާއި، އިސްރާފު ކުޑަ ކުރުމަށް ކުރަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. އަޅުގަނޑުމެންގެ ކަނޑުމަހުގެ އުފެއްދުންތަކަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސެޓިފިކެޓްތަކާއެކު އުފައްދާ އުފެއްދުންތަކެއް.“އޭނާ ވިދާޅުވިއެވެ.

ޝަމާހު ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ސަރުކާރާއި އެކު މިފްކޯއިން ދަނީ ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށްވެސް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

”ދިވެހި ކަނޑުމަހާއި އޭގެ އުފެއްދުންތަކަށް ދުނިޔޭގެ އިތުރު މާކެޓްތައް ހޯދައި، ފުޅާ ކުރުމަށް މިފްކޯއިން އިސްނަގައިގެން އަބަދުވެސް މަސައްކަތް ކުރޭ. ހަމައެއާއެކު ކޭނަރީއާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި، މަސްކިރާ ބޯޓުފަހަރުތަކަށްވެސް އިންވެސްޓް ކުރުމަށް ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް އަޅުގަނޑު މަރުހަބާ ކިޔަން. މިފްކޯއަކީ ދެމެހެއްޓެނިވި ކަނޑުގެ އިގްތިސާދެއް ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާއިރު، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކޮށް، ފާގަތި މުސްތަގުބަލެއް ރާއްޖެއަށް ބިނާކޮށްދޭނޭ ބައިވެރިއެއްގެ ގޮތުގައި މި ކުންފުނި އޮންނާނެ.“ ޝަމާހު ވިދާޅުވިއެވެ.

އިންފޯ ފިޝް ޓޫނާ ކޮންފަރެންސަކީ ދުނިޔޭގެ ކަނޑުމަހުގެ އިންޑަސްޓްރީގައި، މަހުގެ ބާވަތްތައް ޕްރޮސެސްކޮށް، މާކެޓްކޮށް ވިއްކާ ވިޔަފާރިކުރާ ކުންފުނިތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ކޮންފަރެންސެވެ. މި ކޮންފަރެންސް، މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.