އައްޑޫގައި ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތްތައް ކުރުމަށް ހާއްސަ ޓާސްކް ފޯހެއް ގާއިމުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ޝަންގްރިއްލާ ރިސޯޓު، ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި ބަންދުކުރި ގޮތަށް އެ ރިސޯޓު މިހާތަނަށް ހުޅުވާފައެއް ނުވާއިރު، އެއީ ދިވެހި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ 70 ޕަސެންޓް ހިއްސާއާ އެކީ 2008 ގައި ހުޅުވި ރިސޯޓެކެވެ.
ކުރީ ސަރުކާރުން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލީއެވެ.
ޝަންގްރިއްލާގެ އިސްވެރިންނާ އެކު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިއްޔެ ބައްދަލުވުމެއް ބޭއްވިއިރު، މި ބައްދަލުވުމުގައި ޝަންގްރިއްލާ އަލުން ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. ބައްދަލުވުމުގެ އިތުރު މައުލޫމާތެއް މިނިސްޓްރީން ހިއްސާ ކުރައްވައިފައެއް ނުވެއެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ އެކި ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
