މަދަނީ ޖަމުއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށް ބުނީ، ޖަމުއިއްޔާތަކުން އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ޖަމުއިއްޔާތަކާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމުއިއްޔާތަކަށް އެކަންޏެވެ.

މި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަނޑި އަކީ އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ‏13:00އެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ

ޕްރޮޕޯސްލް ހުށަހަޅަން ޖެހޭނީ  csogrant@youth.gov.mv އީމެއިލް މެދުވެރިކޮށެވެ.

ޕްރޮޕޯސަލް އާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ޖަމުއިއްޔާގެ ރަޖިސްޓަރީގެ ކޮޕީ، މަޝްރޫއު ނުވަތަ ހަރަކާތުގެ އެކިއެކި ކަންތައްތަކާ ހަވާލުވާ ފަރާތްތައް ކަމުގައި ޕްރޮޕޯސަލްގައި ހިމަނާފައިވާ ފަރާތްތަކުގެ އައި.ޑީ.ކާޑު ކޮޕީގެ އިތުރުން ރަށުތަރައްގީ ޕްލޭންގައި ހިމެނޭ ޕްރޮޖެކްޓެއްނަމަ، ކައުންސިލް އިދާރާއިން ދޫކޮށްފައިވާ ލިޔުން އަދި މަޝްރޫއު ނުވަތަ ހަރަކާތާއި ގުޅޭ އެހެނިހެން ލިޔެކިޔުން ހިމެނެއެވެ.

ޔޫތު މިނިސްޓްރީން ބުނީ މަދަނީ ޖަމުއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމުއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުން ކަމަށެވެ.