20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް (އަދުރޭ) އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު، މި ދެ ނަން ހުށަހެޅުއްވީ މުލިއާގޭގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ގިނަ އަދަދެއްގެ މެމްބަރުންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ހުށަހެޅުއްވި ނަންތައް:

ޕީޖީ ލީޑަރު: އުނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހީމް ފަލާހް

ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރު: ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހީމް ޝުޖާއު

ޑެޕިއުޓީ ޕީޖީ ލީޑަރު: ވިލިމާލެ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އިސްމާއީލް، މަހިބަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ތޯރިގު، ހުޅުދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ޝާހިދު

މި ހުރިހާ ނަންތައް، މިއަދުގެ ބައްދަލުވުމުގެ ބައިވެރިންގެ އިއްތިފާގުން ވަނީ ފާސް ކޮށްފައެވެ.