ކޮވިޑް-19 ވެކްސިން ކެމްޕެއިނުގައި ބުރަކޮށް މަސައްކަތް ކުރި ފަރާތްތަކުގެ އަގުވަޒަން ކޮށްފިއެވެ.

Ads by Asuru

މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަފްލާގައި ކޮވިޑް ވެކްސިން ކެމްޕެއިނުގައި، އެކި މުއައްސަސާތަކުން އިސްކޮށް އުޅުއްވި ފަރާތްތަކަށް ހަނދާނީ ފިލާ އެރުވިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް ވެކްސިން ކެމްޕޭނަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ވެކްސިން ކެމްޕެއިން ކަމަށެވެ. އެގޮތުން މިހާތަނަށް އެ ވެކްސިންގެ ފުރަތަމަ ޑޯޒް، 399000އަށްވުރެ ގިނަ މީހުންނަށް ދެވިފައިވާއިރު، 384،000އަށްވުރެ ގިނަ މީހުންނަށް ދެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ވަނީ ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒްގެ ގޮތުގައި 166،000އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދެވުނުއިރު، 1،050 މީހުން ހަތަރު ވަަނަ ޑޯޒްވެސް ޖަހާފައިވާކަން ފާހަގަކޮށްފައެވެ.

ކޮވިޑް ދުވަސްވަރުގައި ސިއްހީ ހިދުމަތްތެރިން، ވެކްސިން ދިނުމުގެ ކަންކަމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރިކަން ފާހަގަކޮށް ހެލްތު މިނިސްޓްރީން ވަނީ މިފަދަ ބޮޑު ވެކްސިން ކެމްޕެއިނެއް ކުރިއަށް ގެންދެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައިކަން ފާހަގަކޮށްފައެވެ.