މި ސަރުކާރުން ށ އަކުރުން ދިވެހި ބަސް އުފައްދަން އުޅޭ ކަމަށް ބުނެ، ރަޖިސްޓްރީ ނުކޮށް ހިންގާ ”ފޭކު“ ނޫހަކުން ޚަބަރު ފެތުރުމުން، ކުރީގެ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން އެކަމަށް ރައްދު ދެއްވައި، ށ އަކުރުން ބަސް ހެދުމާ ދެކޮޅަށް ވަކާލާތު ކުރައްވައިފިއެވެ.

Ads by Asuru

”ދިޔަވަރު“ ނަމަކަށް ކިޔާ ނޫހެއްގައި ފެތުރި ޚަބަރާއި ގުޅިގެން ކުރީގެ މިނިސްޓަރު ޔުމްނާ އެކްސްގައި ޕޯސްޓު ކުރައްވައި ވިދާޅުވީ، ދިވެހި ބަހުގައި ”ށ“ ގެ އަޑު އޮތް ނަމަވެސް ”ށ“ އިން ފެށޭ ބަހެއް ނެތުމަކީ ދިވެހި ބަހުގެ ހާއްސަ ސިފައެއް ކަމަށެވެ.

”ދިވެހި ބަސް މުއްސަނދި ކުރާކަށް ”ށ“ އިން އާ ލަފުޒު ހަދާކަށް ނުޖެހޭ. އޭރުން ގެއްލިގެން އެ ދަނީ ބަހުގެ ހާއްސަ ސިފައެއް.“ ފޭކު ޚަބަރަށް ދެއްވި ރައްދުގައި އޭނާ ވިދާޅުވިއެވެ. 

ޔުމްނާ ވިދާޅުވީ ދިވެހި ބަހަކީ މިހާރުވެސް މުއްސަނދި ބަހެއް ކަމަށާއި އެ ބަހުން ރަނގަޅަށް ވާހަކަ ދައްކައި، ލިޔަންކިޔަން ނޭނގެނީ ރަނގަޅަށް ބަސް އުނގަންނައިނުދެވޭތީ ކަމަށެވެ.

ށ އަކުރުން ބަސް އުފައްދަން އުޅޭ ކަމަށް ބުނެ ފެތުރި ޚަބަރާ ގުޅިގެން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ށ އިން ނަމެއް އުފެއްދުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށާއި، އެއީ ށ ގެ އަޑަކީ ލަފުޒެއްގެ ފެށުމަށް ދުލުން އުފައްދަން ދަތި އަޑަކަށް ވާތީ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ށ އަކުރުން ލަފްޒެއް އުފައްދަން ތަރުހީބު ނުދެއްވާ ކަމަށާއި، އެއީ ގަބޫލު ކުރެއްވޭ ކަމެއް ވެސް ނޫން ކަމަށެވެ. އަދި ގާސިގަކު ޚަބަރަކައިގެން އަތުވެއްޖެނަމަ، އަމަލު ކުރަންޖެހޭ ގޮތް އިސްލާާމްދީނުގައި އަންގަވާފައިވާ ކަމަށް ވިދާޅުވެ، ށ އަކުރުން ބަހެއް އުފައްދަން އުޅޭ ކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގެއް ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ު